ދެމެހެއްޓނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މިހާރުގެ ބައެއް ނޭދެވޭ އާދަތައް ދޫކޮށްލަން ޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑ.ރ ހުސެން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ސްވިޓްޒަލަންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ "ޔޫއެން ޓްރޭޑް ފޯރަމް އެސްޑީޖީސް އެންޑް ކްލައިމެޓް ޗޭންޖް" ގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެން އިންސާނުންގެ ބައެއްކަހަލަ ނޭދެވޭ އާދަތައް ދޫކޮށްލަން ޖެހޭކަމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އަދިވެސް އެތައް ގުރުބާނީ ތަކެއް ވާން ޖެހޭނެ ކަަމުގައެވެ.
2015 އަހަރު ފަރަންސޭސި ވިލާތުގެ ޕެރިހުގައި އެކުލަވައިލި ޕެރިސް އެގްރީމެންޓަށް ފަހު މިހާރު މުޅި ދުނިޔެވަނީ މި އެގްރިމެންޓްގައި އެއްބަސްވެވުނު ކަންތައްތައް ތަންފީޒު ކުރުމަށް އަތުކުރި އޮޅާލާފައިކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރައްވަމުން ވިދާޅުވީ އޭގައިވާ ބައެއްކަންތައްތައް ތަންފީޒު ކުރެވެމުންދާއިރު ޓުއަރިޒަމް އަށާއި އިމްޕޯޓް މާކެޓަށް ބަރޯސާވެފައިވާ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސާދަށް އަސަރުތަކެއް ކުރާނެ ކަމަށާއި، މިފަދަ ކަންކަމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ފޮރިން އިންވެސްޓްމެންޓްތައް ގެނައުން މުހިއްމުކަމަށާއި މައިގަނޑު އެއް ދާއިރާއެއް ނުވަތަ ދެ ދާއިރާއަކަށް އިގުތިސާދެއް ބަރޯސާވެފައި އޮންނަ އޮތުން ކުޑަ ކުރަން ޖެހޭކަމަށެވެ.
މި ފޯރަމްގައި، މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ ހުސެން ރަޝީދު ހަސަން ބައިވެރިވެ ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ހުސެއިން ރަޝީދު ފުރާވަޑައިގެންނެވީ މިމަހުގެ އަށްވަނަ ދުވަހުއެވެ.
މި ބައްދަލުވުން މިއަދުން ފެށިގެން މިމަހުގެ 13 އަށް ކުރިއަށް ދާއިރު މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި، ވިޔަފާރިއާއި އިގުތިސާދުތަކަށް ކުރަމުންދާ އަދި ކޮށްފާނެ އަސަރުތަކާއި އަދި އެފަދަ ކަންކަން ކުޑަކުރުމަށް ގައުމުތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ކަމަށް އެންވަޔަރަމަންޓް މިނސްޓްރީން މައުލޫމާތު ދެއެވެ.