މަރުތައް ތަހުގީގުކުރާ ކޮމިޝަން

މަރު ކޮމިޝަނުން މަސައްކަތް ކުރަންވާނީ ގާނޫނީ އިމުގެ ތެރޭގައި، އިމުން ބޭރަށް ނިކުމެގެންނުވާނެ: ރައީސް

އިބްރާހިމް ޒަކީ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައާއި ޑރ. އަފްރާޝީމް އަލީގެ އިތުރުން، ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ފަދަ، ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުން މަސައްކަތް ކުރަންވާނީ އެ ކޮމިޝަނަށް ބާރުދީފައިވާ ގާނޫނުގައި އޮތް ގޮތަށް ގާނޫނުން ބޭރުނުވެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ވެރިކަމަށް ވަޑައިގެން 17 ނޮމެންބަރު 2018 ގައި، ރިޔާސީ ކޮމިޝަން އުފައްދަވައި، މިއަހަރުގެ ޖޫން މަގުގެ 24 ގައި އެ ކޮމިޝަނަށް ގާނޫނީ ބާރުތައް ދެއްވުމަށް ގާނޫނު ތަސްދީގުކުރައްވައި ފުރިހަމަބާރުތަކެއް ކޮމިޝަނަށްދެއްވީ މުހިއްމު، މާތް މަގުސަދެއްގައި ކަމަށެވެ.

އެއްކަމަކީ ރިލްވާނަށް ވީގޮތެއް ހޯދައި އެކަން ކުރިބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނަސް އެފަދަ ކަންކަން ރާއްޖޭގައި ހިނގިޔަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި އެކަންތައްތައް ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ ކޮމިޝަން މަސައްކަތް ކުރަންވާނީ ގާނޫނުގައި އޮތް ގޮތަށް ކަމަށާއި ކޮމިޝަނުން ގާނޫނީ އިމުން ބޭރަށް ވަޑައިގަނެގެންނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކޮމިޝަނުން މަސައްކަތް ކުރަންވާނީ ގާނޫނުގައި އޮތް ގޮތަށް، ގާނޫނުން ބޭރަށް ވަޑައިނުގަންނަވާނެ، ވަޑައިގަނެގެނެއްވެސް ނުވާނެ، އޭގެ އިމުގެ ތެރޭގައި ކުރިއަށްގެންދަން ޖެހޭނީ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާާޅުވީ، ކަންތައްކުރަންވީގޮތާއި، ކޮމިޝަންގެ ބާރުތަކާއި، އެ ބާރުތަކުގެ ތެރެއިން ތަހުގީގުތައް ކުރެވޭނެ ގޮތާއި، ތަހުގީގު ނިންމުމަށްފަހު ހަދަންވީގޮތުގެ އިތުރުން އެކަމުގައި އެމަނިކުފާނު ކަންތައް ކުރައްވަންވީގޮތްވެސް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.

"އެ ގާނޫނުގައި ވަރަށްސާފު، ސޮރީހަ ބަހުން އެބަ ބުނޭ، ކަންތައް ކުރަންވީގޮތް، ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އެބާރުތަކުގެ ތެރޭގައި ތަހުގީގުތައް ކުރެވޭނެގޮތާއި އަދި ނިމުމަށްފަހުގައި އެ ރިޕޯޓަށް ހަދަންވީގޮތް ވަރަށް ސާފުކޮށް އެބައޮތް، އެއަށްފަހުގައި އަޅުގަނޑު ކަންކުރަންވީގޮތް ވެސް އެބައޮތް އެހެންވީމާ މިސަރުކާރުން އެކަމުގައި ފަހަތަކަށްނުޖެހޭނެ،" ރައީސް ވިދާޅުވިއެވެ.