އިބްރާހިމް ޒަކީ
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓް ލިބިވަޑައިގެންފައިވާ އެއްވެސް ފަރާތަކުން އެ މައްސަލަ ކުރިއަށްގެންދަން ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.
ރިލްވާންގެ މަރުގެ މައްސަލައާގުޅޭގޮތުން، ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ އާންމުވެއްޖެ ނަމަ ރިލްވާން މައްސަލައިގެ ތަހުގީގަށް ދަތިވާނެ ބައެއް ކަންކަން ރިޕޯޓްގައި ހިމެނޭ ކަމަށެވެ.
އެހެންކަމުން އެ ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅޭގޮތަށް އެފަދަ މައުލޫމާތުތައް އާއްމު ނުކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ރިޔާސީ ކޮމިޝަނުން އެ ރިޕޯޓް މަޖިލީހުގެ ރައީސަށާއި، މަޖިލީހުގައި ހިމެނޭ ޕީޖީ ގްރޫޕު ލީޑަރުންނަށް އެރުވުމަށްފަހު، މަޖިލީހުގެ ވެބްސައިޓުގައި އެ ރިޕޯޓްގެ ޓްރާފްޓެއް ހިމަނައި އެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ކުރިއަށްގެންދިޔަ ބަހުސްގެ ސަބަބުން ރިޕޯޓްގައިވާ ބައެއް ކަންކަން އާއްމުވެ، ރައްޔިތުންގެ ތެރޭގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.
މިއަދުގެ ނިއުސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ، މިހާތަނަށް ވެފައޮތް ކަންތައް ނުވާކަމަކަށް ނުހެދޭނެ ކަމަށާއި، އެ ރިޕޯޓުގައި ހިމަނާފައިވާ ސިއްރު މައުލޫމާތުތައް މިހާހިސާބުންފެށިގެން ހިފަހައްޓައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ރިޕޯޓްގައި ހުރި ސިއްރުތައް، ކޮންމެހެން ހިފަހައްޓަން ޖެހޭ ކަންތައްތައް ކޮމިޝަނުން އެދިވަޑައިގަންނަވާގޮތަށް މިހާތަނަށް ވީކަމެއް ވެފައި އެއޮތީ، އެއީ ނުވާ ކަމަކަށް ނެތް ދެންނެވޭކަށް، އަޅުގަނޑަކަށް ނެތް ދެންނެވޭކަށް ރިޕޯޓް ވަކި ބަޔަކަށް އާންމުނަކަށް ނުފެނެޔެކޭ، އޭގައި އެބަހުރި އޭގައި ހުރި ބައެއް މައުލޫމާތުތައް އާންމުވެއްޖެ ނަމަ ތަހުގީގަށް ދަތިވާނެ ބައެއް ކަންކަން. އެހެންވީމާ، އެ އެއްޗެހި ހިފެހެއްޓުން ދެންވެސް އެދުމަކީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއްނޫން ކަމަށާއި އެކަމާބެހޭ ތަހުގީގުތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.
އަދި އެ މައްސަލައިގައި ސުވާލު ކުރަންޖެހޭ މީހުން އަދިވެސް އެބަތިބިކަމަށާއި، އެ ރިޕޯޓް ލިބިވަޑައިގެންފައިވާ އެއްވެސް ބޭފުޅަކު އެ މައުލޫމާތުތައް އާއްމު ނުކުރެއްވުމަށާއި، ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދުމަށް ދަތިވާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުމަކީ ވަރަށްބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.