ޕޮލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސެކިއުރިޓީގެ ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައެއް ނުވޭ: ފުލުހުން

އާނިފާ ހުސެއިން ސިރާޖް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސެކިއުރިޓީގެ ގޮތުން ބަލާއިރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން މި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނަށް ފުލުހުން ފާރަލަމުންދާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޮސް (އެމްއެންޑިއެފް) އިން ބުނެފައިވާކަމަށް ވިދާޅުވެފައިވަނިކޮށެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނީ ސެކިއުރިޓި ބެލުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭގޮތުން އެމްއެންޑިއެފް އާއި ވިލަރެސްކޮށްގެން ކުރަންޖެހޭ ކަންކަން ފުލުހުން އަންނަނީ ކުރަމުން ކަމަށާއި، އެގޮތުން މަސައްކަތް ކުރަނީ އެއިރެއްގައި އެބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަންކުރުމަށްފަހު އޭގެ މައްޗަށް ބެލުމަށް ފަހުގައި ކަމަށެވެ. އަދި މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ނުރައްކަލެއް އޮތް ކަމަށް ފުލުހުންނަށް ފާހަގަކުރެވިފައި ނުވާ ކަމަށާއި އެފަދަ މައްސަލައެއް ހުށަހެޅިފައިވެސް ނުވާކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އާއިލާގެ ފަރާތަކުން ނުވަތަ އެހެން ފަރާތަކުންވިޔަސް ސޯޝަލް މީޑިއާ ނުވަތަ އެހެންވެސް ގޮތަކަށް ނުރައްކަލެއް އޮތްކަމަށް ފާހަގަކުރާނަމަ އެ މައުލޫމާތު ވަޒަންކުރުމަށްފަހު އަޅަންޖެހޭ އެންމެހައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ މި ނޫސްބަޔާނުގައި އަރުވާފައެވެ.

ނަމަވެސް ނަޝީދަށް ފާރަލަމުން ނުދާކަމަށް މި ނޫސް ބަޔާނުގައި ފުލުހުން ސީދާ ބުނެފައެއް ނުވެއެވެ.