ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާއި ގުޅިގެން އެކޯޓަށް ހާޒިރުވެފައި ނުވާ ދެމީހަކު ފުލުހުންގެ ބެލުމުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އަމުރު ކުރަމުން އެ ދެމީހުން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ރ. އިންނަމާދޫ، މެހުރާ، ޢަލީ މިސްބާޙް (38އ) އާއި ދަފްތަރު ނަންބަރު 6736، ޙަސަން މުޙައްމަދު (58އ) ކަމަށެވެ.
އެ ދެމީހުން ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާއި ގުޅިގެން އެ ކޯޓަށް ހާޒިރުވެފައި ނުވުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހުން ކޯޓަށް ހާޒިރުކުރުމަށް އަންގާފައިވަނީ މާދަމާ އަށެވެ.
އެ ދެމީހުންގެ ތެރެއިން މިސްބާހު ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައި ވަނީ މާދަމާ 10:00 ޖަހާއިރަށެވެ. އަދި ހަސަން ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިވަނީ މާދަމާގެ 11:30 އަށެވެ.