ތަކުރާރުކޮށް ފުލުހުންނަށް އިނގިލި ދިއްކުރުމަކީ ނުފޫޒުފޯރުވުން ކަމަށް ބެލެވިދާނެ ކަމަށް ކުރީގެ ރައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުގެ މުހިންމު އިދާރާތަކަކީ ގައުމެއްގެ ރުކުންތައް ކަމަށާއި ތަކުރާރުކޮށް ފުލުހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ޒިންމާދާރު ގޮތަކީ ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރަން ލީޑަރުން މަސައްކަތްކުރުން ކަމުގައެވެ.
"ގައުމުގެ މުހިންމު އިދާރާތަކަކީ ގައުމެއްގެ ރުކުންތައް. ތަކުރާރުކޮށް ފުލުހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ޒިންމާދާރު ގޮތަކީ ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރަން ލީޑަރުން މަސައްކަތްކުރެއްވުން. ނޫނީ، ނުފޫޒު ފޯރުވަން މަސައްކަތްކުރުން ކަމަށް ބެލިދާނެ" ޖަމީލްގެ ޓުވީޓުގައި ބުނެފައިވެއެވެ.
ޑރ. ޖަމީލު މިމޭރުމުން ޓުވީޓު ކުރައްވާފައި މިވަނީ އަހުމަދު ރިލްވާންގެ މައްސަލައާ ގުޅިގެން ފުލުހުންގެ މުއައްސަސާގެ އިހުލާސްތެރި ކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ރޭ އެމްޑީޕީން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ފުލުހުން ދަނީ އެމަނިކުފާނަށް ފުލުހުން ފާރަލަމުން އަންނަ ކަމަށް ވިދާޅުވެ ވާހަކަފުޅުދައްކަވާފަ އެވެ. ރޭގަ ޖަލްސާގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކަންކަން ރަނގަޅުކުރާން ބޭނުންވާ ނަމަ އެންމެ ފުރަތަމަ އިސްލާހުކުރަން ޖެހެނީ ފުލުހުންގެ މުއައްސަސާ ކަމަށެވެ.
"އެއިރެއްގައި ދައްކަންހުރި ވާހަކައެއް އަޅުގަނޑު ދައްކާނަން. އަޅުގަނޑަށް އޭގެ ސަބަބުން ކިތަންމެ ކިތަންމެ ނުރައްކަލެއް ދިމާވޭ. އަޅުގަނޑަށް އެކަން ވެސް އެނގޭ. އަޅުގަނޑު ކައިރީގައި މީގެ ތިން ރޭ ކުރީގައި އެމްއެންޑީއެފުން ބުނި އަޅުގަނޑަށް ފުލުހުން ފާރަލައޭ. އެކަން ވެސް ފުލުހުން ވެސް ކޮށްފާނެ. ފުލުސް އޮފީހުން ވެސް ކޮށްފާނެ. އެ ފާރަލައިގެން އައިސް އޭގެން އެހެން ނަތީޖާއެއް ވެސް ނެރިދާނެ. އެހެންނަމަވެސް އަޅުގަނޑު މިހުރީ އެވާހަކަ ދެއްކުން ހުއްޓާލާކަށް ނޫން،" ރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.