އޯގާ ކޭމްޕްގެ ހަރަކާތްތައް ގދ. އަތޮޅުގައި ފަށައިފިއެވެ.
ފުލުހުން ބުނީ މިއީ އާންމު ރައްޔިތުންގެ މެދުގައި ހުރި ދީނީ އަދި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެއް ކަމަށާއި މިކޭމްޕްގެ ހަރަކާތްތައް ފުރަތަމަ ފަށާފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހު ތިނަދޫގައި ކަމުގައެވެ.
މިކޭމްޕްގައި، ގދ. އަތޮޅުގެ ރަށްރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލްތަކުގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނާއި ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި އަދި ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ސެމިނާރުތަކާއި ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން ދީނީ ކައުންސިލިންގ ބޭނުންވާ ފަރާތްތަކަށް ކައުންސިލިން ދިނުމާއި މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ދީނި ގޮތުން މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުމަށްވެސްވަނީ ހަމަޖައްސާފައިވަކަަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މިކޭމްޕްގެ ހަރަކާތްތައް މަޑަވެއްޔާއި ފަރެސްމާތޮޑާގެ އިތުރުން ރަތަފަންދޫގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ރަށްރަށުގައިހުރި ދީނީ މައްސަލަތައް ދެނެގަތުމާއި ރައްޔިތުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުވުމުގެ އިތުރުން ދީނީ ނަސޭހަތާއި ދަރުސްތައް ދިނުމަށް ކުރިއަށްގެންދާ މި ކޭމްޕްގައި މައުލޫމާތު ދެއްވަނީ އައްޝައިހް އަހުމަދު މައުމޫނާއި އައްޝައިހް ހަސަން ތައުފީޤް އަބްދުއްރަޙްމާނާއި އައްޝައިހް އަހްމަދު ފަހުމީ ދީދީއެވެ.