ޓްރެފިކް ޕޮލިސް

ގަވާއިދާ ހިލާފުވެގެން މިދިޔަ ހަފުތާގެ ތެރޭގައި 340 ވެހިކަލެއްގައި ސްޓިކާ ޖަހައިފި

އާނިފާ ހުސެއިން ސިރާޖް

ގަވާއިދާ ހިލާފުވެގެން މިދިޔަ ހަފުތާގެ ތެރޭގައި 340 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ 31 އިން މިމަހުގެ 06 ގެ ނިޔަލަށް ގަވާއިދާހިލާފުވެެގެން 340 ވެހިކަލެއްގައި ވަނީ ސްޓިކާ ޖަހާފައެވެ. މިއީ ކުރީ ހަފުތާއާ އަޅާބަލާއިރު މަދު އަދަދެކެވެ. އެގޮތުން މިދިޔަ މަހުގެ 24 އިން 30 ގަވާއިދާ ހިލާފުވެގެން 487 ވެހިކަލެއްގައި ވަނީ ސްޓިކާ ޖަހާފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން ޖުމުލަ 340 ވެހިކަލެއްގައިސްޓިކާ ޖަހާފައިވާއިރު 42 ވެހިިކަލެއް ޓޯކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ވަނީ ގެންގޮސްފަ އެވެ.

މި މުއްދަތުގައި 51 އެކްސިޑެންޓް ހިނގިނަމަވެސް މި އެކްސިޑެންޓް ތަކުގައި އަނިޔާވެފައިވަނީ ފަސް މީހުންނަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ފުލުހުން ވަނީ އެކްސިޑެންްޓް ތަކާ ގުޅިގެން ހަތަރު މީހެއްގެ ލައިސަންސް ވެސް ހިފަހައްޓާފަ އެވެ.

ލައިސެންސް ނުލައި ވެހިކަލް ދުއްވުމުގެ 57 މައްސަލައަކާއި ލައިސެންސް ނެތި ދުއްވުމުގެ 92 މައްސަލައެއް ފުލުހުން ވަނީ ބަލައިފައެވެ. މީގެ އިތުރުންވެސް ޓްރެފިކް ނިޝާންތަކާ ހިލާފަށް ދުއްވުމުގެ 17 މައްސަލައެއްވެސް ފުލުހުން ވަނީ ބަލައިފައެވެ.

ބާރަށް ދުއްވުމުގެ 11 މައްސަލައެއް ވަނީ މި މުއްދަތުގެ ތެރޭގައި ރިކޯޑުކުރެވިފައި ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ޖުމުލަ 479 ވެހިކަލެއް ބަލައި ޗެކުކޮށް އިންޝުރެންސް އަދި ރޯޑް ވޯތިނެސް ހަމަނުވާ 78 ވެހިކަލެއް ރިކޯޑުކުރެވިފައިވާކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.