އަލީ އަޝްފާގު

އުމުރުގެ ބަހަނާއަށްފަހު ދަގަނޑޭ ޓީމަށް ނެގީ ގޮތް ހުސްވެގެން، ކަން ވާންޖެހޭނީ އެހެނެއް ނޫން!

އަލީ ރިފްޝާން

ފުޓުބޯޅައަށް ލޯބިކުރާ ދިވެހިންނަށް މާދަމާއަކީ ހާއްސަ ދުވަހެކެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ދިވެހިން އެދެމުންދިޔައީ ގައުމީ ފުޓުބޯޅަ ޓީމަށް ދިވެހިންގެ ކެޕްޓަން ގެނެސްދިނުމަށެވެ. މިހާރު ދިވެހިން އެދެމުންދިޔަ ގޮތަށް ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަލުން ސްކޮޑަށް ނަގައިފިއެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ނެގި ސްކޮޑުގައި ދަގަނޑޭ ހިމެނިއްޖެއެވެ.

ދަގަނޑޭއަކީ ދިވެހި ފުޓުބޯޅަ ތާރީހުގައި އުފެދިގެންއައި އެންމެ މޮޅު ކުޅުންތެރިޔާ ކަމާ މެދު ޝައްކުކުރާނެ ދިވެއްސަކު ނުހުންނާނެއެވެ. ނަމަވެސް ބިދޭސީއަކަށް އެކަން ނޭނގި ދާނެއެވެ. އަދިވެސް ދަގަނޑޭއަކީ ދިވެހި ފުޓުބޯޅައިގެ ރަސްގެފާނެވެ. ދަގަނޑޭއަކީ ގައުމީ ހަތިޔާރެވެ. ގައުމީ ޓީމުގެ މެޗުތަކުގެ ނަތީޖާ ބަދަލުކޮށްލާ ކުޅުންތެރިޔާއެވެ. ޓީމަށް ރޫހު ގެނެސްދޭ ކުޅުންތެރިޔާއެވެ. ގައުމީ ކޯޗު ޕީޓާ ސެގާޓް ވެސް އެ ހަގީގަތްތައް ގަބޫލުކުރަން ޖެހެއެވެ.

ދަގަނޑޭއަށް ފުރަތަމަ 11 އިން ޖާގަ ދީފާނެތަ؟

ސެގާޓާއި ދަގަނޑޭއާ ދެމެދު ޖެހިފައިވަނީ ޒާތީ މައްސަލައެއް ކަމަށް ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. ގައުމީ ޓީމުން އޭނާއަށް ޖާގަ ނުދެނީ އެ ސަބަބާ ހެދި ކަމަށް ގިނަ ބަޔަކު ބުނަމުންދިޔައެވެ. އެކަމާ ގުޅިގެން ކޯޗު ސެގާޓް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ވެސް ގިނަ ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިގޮތުގައި ދަގަނޑޭއަށް ފުރުސަތު ދިނީ ޕްރެޝަރެއްގެ ސަބަބުންނެއް ނޫނެވެ.

ކޯޗު ސެގާޓު ދަގަނދޭއަށް ގައުމީ ޓީމުގެ ފުރަތަމަ 11 އިން ޖާގަ ދޭނެ ކަމާ މެދު ސުވާލު އުފެދެއެވެ. ފަހަރުގައި ދަގަނޑޭއަށް އެ މެޗުގައި ކުޅުމުގެ ފުރުސަތު ނުދީފާނެއެވެ. އެހެންކަމަށްވާ ނަމަ، ދަގަނޑޭ ޓީމަށް އެ ނެގީ ދިވެހިން ހިތްހަމަޖައްސައިދީ، ޓީމަށް ހިތްވަރު ދިނުމަށެވެ. ނަމަވެސް ދަގަނޑޭ ބޭނުންވަނީ އޭނާގެ 100 ޕަސެންޓް ދައްކާށެވެ. އެކަން ކުރެވެން އޮތީ މެޗުގައި ދަގަނޑޭއަށް ކުޅުމުގެ ފުރުސަތު ލިބިގެންނެވެ.

އުމުރުގެ ބަހަނާ ދައްކާތާ އަހަރަކަށް ވުރެ ގިނަ ދުވަސް!

ދަގަނޑޭއަށް ގައުމީ ޓީމުން ފުރުސަތު ގެއްލިގެންދިޔައީ މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅެވެ. ކޯޗާ ޖެހުނު މައްސަލައަކާ ގުޅިގެން ދަގަނޑޭއަށް ފުރުސަތު ގެއްލުނެވެ. އޭގެ ފަހުން ކޯޗު ތަފާތު ގޮތްގޮތަށް ވާހަކަ ދެއްކިއެވެ. ފުރަތަމަ ކޯޗު އެންގީ ސްކޮޑުން ދަގަނޑޭ ބާކީ ކުރީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުންނެވެ. ދަގަނޑޭ "މެންޓަލީ ފިޓް" ނޫން ކަމަށް ބުނެއެވެ.

އެއަށްފަހު ކޯޗު އަބަދުވެސް ފާހަގަކުރަމުންދިޔައީ ދަގަނޑޭގެ އުމުރުގެ ވާހަކައެވެ. މައްސަލައަކީ އުމުރުން ދޮށިވުން ކަމަށް އުޒުރެއް ކަމުގައި ބުނަމުންދިޔައެވެ. ގުއާމްގެ މެޗުގެ ކުރިން ވެސް ކޯޗު ސެގާޓް ދެއްކީ ހަމަ އެ ވާހަކައެވެ. އެކަމާ ގުޅިގެން ދަގަނޑޭއަށް ޓީމުން ފުރުސަތު ދޭން އުނދަގޫ ކަމަށް ކޯޗުން ބުނެފައިވެއެވެ. ގުއާމް މެޗަށް ފުރުމުގެ ކުރިން ދަގަނޑޭގެ އުމުރަކީ 33 އަހަރެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު އޭނާއަށް ވަނީ 34 އަހަރު ފުރިފައެވެ. ސުވާލަކީ ޗައިނާ މެޗަށް ނެގީ ކީއްވެ ހެއްޔެވެ. އުމުރުގެ މައްސަލަ މިހާރު ނެތީ ހެއްޔެވެ. ދަގަނޑޭގެ އުފަން ދުވަހުގެ ހަދިޔާއަކަށް ޓީމުގައި ޖަހާލީތޯއެވެ.

ޗައިނާ ވަރަށް ވަރުގަދަ، ދަގަނޑޭ ނަގަން މަޖުބޫރިވީ އެ ސަބަބާ ހެދި؟

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި އޮތީ ޗައިނާއެވެ. އެޓީމުގައި ސްޕެނިޝް ލަލީގާގައި ވާދަކުރާ އެސްޕާނިޔޯލްއަށް ކުޅޭ ވޫ ލެއި އާއި ޗައިނީޒް ސުޕާ ލީގުގެ ވަރުގަދަ ކްލަބުތަކަށް ކުޅޭ ކުޅުންތެރިން ހިމެނެއެވެ. އެ ކުޅުންތެރިންގެ އިތުރުން މާދަމާގެ މެޗުގައި ޗައިނާގެ ޓީމުން ބްރެޒިލަށް އުފަން އެލެކެސަން ވެސް ފެނިގެންދާނެއެވެ. އެ މެޗަކީ އޭނާ ޗައިނާއަށް ކުޅޭނެ ފުރަތަމަ މެޗެވެ.

ޗައިނާގެ އަނެއް ތަފާތަކީ އެޓީމުގެ ކޯޗު މާސެލޯ ލިއްޕީއެވެ. އޭނާއަކީ އިޓަލީއަށް 2006ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗެވެ. އިޓަލީ ގައުމީ ޓީމުގެ އިތުރުން އިޓަލިއަން ސެރީއާގައި ވާދަކުރާ އިންޓަ މިލާނާއި ޔުވެންޓަސް އަދި ނަޕޯލީއަށް ވެސް އިރުޝާދު ދީފައިވާ ލިއްޕީ، ޗައިނާ ގައުމީ ޓީމާ ފުރަތަމަ ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭއެފްސީ އޭޝިއަން ކަޕް 2019 އަށް ފަހު ލިއްޕީ އިސްތިއުފާ ދިން ނަމަވެސް، ދުވަސްކޮޅަކަށް އިރުޝާދު ދިން ފަބިއޯ ކަނަވާރޯގެ ބަދަލުގައި އަނެއްކާވެސް ޗައިނާގެ ކޯޗަކަށް ލިއްޕީ ހަމަޖެއްސިއެވެ.

ޓީމެއްގެ ގޮތުގައި ޗައިނާއަކީ ވަރަށް ފުރިހަމަ ޓީމެކެވެ. ފަހަރުގައި ރާއްޖޭގެ ޓީމުން ދަގަނޑޭއަށް ޖާގަ ދޭން މަޖުބޫރުވި އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށް ވެސް ވެދާނެއެވެ. ޗައިނާ އިން ހުރިހާ ހަތިޔާރެއް ބޭނުންކުރާތީ، ރާއްޖެ އިން އެންމެ ވަރުގަދަ ހަތިޔާރު ބޭނުންކުރުން ނޫން ގޮތެއް ނެތީ ކަމަށް ވެދާނެއެވެ. ދިވެހިން ބޭނުންވާނީ ޗައިނާ އަތުން ވެސް މޮޅެއް ހޯދުމެވެ. މޮޅުވެގެން ހުރިހާ ދިވެހިން އުފާފާޅުކުރަންވާނީ އެކުގައެވެ. ހަމަ އެގޮތަށް ބަލިވެއްޖެ ނަމަ، އޭގެ ޒިންމާ ނަގަން ޖެހޭނީ ވަކި މީހެއް ކަމަށް ދެކިގެން ނުވާނެއެވެ.

ދަގަނޑޭއާއެކު ޓީމަށް އިތުރު ހިތްވަރެއް!

ސަޕޯޓަރުންނެކޭ އެއްގޮތަށް ގައުމީ ޓީމަށް ދަގަނޑޭ ނެގުން ވެގެންދިޔައީ ދިވެހި ކުޅުންތެރިންނަށް ވެސް އުފަލާއި ހިތްހަމަޖެހުން ލިބުނު ކަމަކަށެވެ. ދަގަނޑޭ ކުޅޭ ޓީމަކަށް ކުޅެން ކޮންމެ ދިވެހި ކުޅުންތެރިޔަކު ވެސް ބޭނުންވާނެއެވެ. ގައުމީ ޓީމުގެ ސްކޮޑުގައި ދަގަނޑޭ ހިމެނުމުން ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް ވަނީ އިތުރު ހިތްވަރަކާއި ޖޯޝެއް ލިބިއްޖެއެވެ.

ގައުމީ ޓީމު 2004 ވަނަ އަހަރުން ފެށިގެން ކުޅުނު މެޗުތަކުގައި ތަފާތު ދައްކަމުންދިޔަ ކުޅުންތެރިޔާގެ ގޮތުގައި ފާހަގަވާނީ ދަގަނޑޭއެވެ. ކުޅޭ ކޮންމެ ކްލަބަކަށް ވެސް އެތައް ލަނޑެއް ކާމިޔާބުކޮށްދެއެވެ. އޭނާއަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. ކެރިޔަރުގައި އެތަކެއް ކާމިޔާބީތަކެއް ހޯދައި، ދުނިޔޭގެ އަދި ސަރަހައްދީ ފުޓުބޯޅައިގެ ލިސްޓުތަކުން ވެސް އޭނާގެ ނަން ފެނެއެވެ. އެހެންކަމުން ގައުމީ ޓީމަށް ދަގަނޑޭ ކުޅޭ ނަމަ، ކުޅުންތެރިންނަށް ވެސް މާބޮޑު ހާސްކަމެއް ނޯންނާނެއެވެ.

ދަގަނޑޭ ނެގުމަށް ކޯޗުގެ ރަނގަޅު އެޖެންޑާއެއް އޮތް ކަމަށް އުންމީދުކުރަމާ ހިނގާށެވެ. އުންމީދަކީ މާދަމާގެ މެޗުގައި ދަގަނޑޭ ފެނިގެންދިއުމެވެ. ކެޕްޓަން ބޭންޑާއެކު ދަގަނޑޭގެ ފަރާތުން މޮޅު ކުޅުމެއް ފެނި، ރާއްޖެ މޮޅުވެގެން ދިއުމެވެ. ދިވެހި ޓީމުން އެދޭނީ ހިތްވަރެވެ. އެ ހިތްވަރު ދޭން މާދަމާ ރޭ 8:00ގައި ހުރިހާ ދިވެހިން ތައްޔާރުވާށެވެ.