ޕޮލިސް

ޑީއީޑީ ފުލުހުން އަދި ވަޒީފާއަށް ނުނެރެން، ދައުވާކުރަން ޕީޖީއާ މަޝްވަރާ ކޮށްފިން: ފުލުހުން

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެ ގޭގައި ހުރި މީހަކަށް އަނިޔާކުރުމުގައި ބައިވެރިވެގެން ސަސްޕެންޑްކުރި ފުލުހުން އަދި ވަޒީފާއަށް ނުނެރޭ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި މާފްނަނު ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޔުނީފޯމް ނާޅާ ތިބި ފުލުހުންތަކެއް އަނިޔާކުރީ އެގޭގައި ހުރި ބިިދޭސީ އަކަށެވެ. އަދި އެކަން ފަޅާއެރީ އޭނާއަށް ހަމަލާދޭތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވުމުންނެވެ.

އެ މައްސަލައާ ގުޅިގެން އެކަން ހިނގި ދުވަހު އަނިޔާކުރުމުގައި ބައިވެރިވި ހަތް ފުލުހުން ވަޒީފާއިން ސަސްޕެންޑް ކުރި ކަމަށާއި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ނަމަވެސް އެ ހަތް ފުލުހުންގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް ފުލުހުން މިއަދު މީޑިއާއަށް ބުނީ، ޑީއީޑީ ފުލުހުންގެ ސަސްޕެންޝަންގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. ނަމަވެސް އަދި އެއްވެސް ފުލުހަކު ވަޒީފާއަށް ނުނެރޭ ކަމަށެވެ. އަދި ފުލުހުންގެ ގަވައިދު ބުނާގޮތުން އެ މައްސަލާގައި ގޮތް ނިންމާ ފަހު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

"މިއަދުގެ ވަގުތެއްގައި އެ ހަތް ފުލުހުންގެ ޖިނާއީ މައްސަލަ ވަނީ ޕީޖީގެ މަޝްވަރާއަށް ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވިފައި،" ފުލުހުން މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، ޕްރޮސެކިއުޓާ ޖެނެރަލްގެ މަޝްވަރާއަށް ޑިއުޓީ ޕްރޮސެކިއުޝަނަށް ހަތް ފުލުހުންގެ މައްސަލަ ފޮނުވުމަކީ ޕީޖީއަށް ފޮނުވުމުގެ ފުރަތަމަ މަރުހަލާ ކަމަށެވެ.