ޓެކްނޮލޮޖީ

ސަމާލުވޭ! އެންޑްރޮއިޑް އެޕްތަކެއްގައި ނުރައްކާތެރި މެލްވެއާއެއް

މުހައްމަދު އައުޒަމް

އެންޑްރޮއިޑްގެ އެޕްތަކެއްގައި ނުރައްކާތެރި މެލްވެއާއެއް ހުރިކަން ސެކިއުރިޓީ ދިރާސާއަކުން ދައްކާފިއެވެ.

އެންޑްރޮއިޑްގެ 29 އެޕެއްގައި މިނުރައްކާތެރި މެލްވެއާ ހުރިކަން ފާހަގަ ކުރެވިފައިވާއިރު މިހާތަނަށް 30،000 އަށް ވުރެން ގިނަމީހުން މި އެޕްތަށް ޑައުންލޯޑް ކޮށްފައިވާކަމަށް ވަނީ ފާހަގަވެފައެވެ.

ދިރާސާއިން ދެއްކި ގޮތުގައި ޓްރޯޖަން ނަމަކަށް ކިޔާ މިމެލްވެއާއިން ރިމޯޓުކޮށް އެހެން އެޕްތަކުގެ ކޮންޓްރޯލް ހޯދައި އޭގެ ނާޖާއިޒު ފައިދާތައް ނަގަމުން ދެއެވެ. މި މެލްވެއާ ބޮޑަށް ޓާގެޓް ކޮއްފައިވަނީ ބެންކު އެޕުތަކަށް ކަމަށް ވެސް ވެއެވެ. މީގެ އިތުރުން ޓޯރްޖަން މެލްވެއާގެ އަސަރު ހުރި ކަމަށް އެންމެ ގިނައިން ފާހަގަ ކުރެވިފައި ވަނީ ޕަވާ މެނޭޖްމަންޓް އެޕްތަކުގެ އިތުރުން ހޮރެސްކޯޕް އެޕްތަކުންނެވެ.

ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑުކުރެވެން ހުރި އެޕްތަކުން މި ނުރައްކާތެރި މެލްވެއާ އިންފެކްޓް ވެފައިވާ ކަމަށް ފާހަގަ ކުރެވިފައި ވާއިރު، މެލްވެއާއިން ފޯނުން ކުރާ ކޯލްތަށް ވެސް ރީޑައިރެކްޓް ކޮށް އަދި މެސެޖް ތަކަށް ވެސް އެކްސެސްވެ އޭގެ މައުލޫމަތު ހެކްކުރަމުން ދާކަމަށް ފާހަގަ ވެފައިވެއެވެ.

ދިރާސާއިން ފެނިފައިވާ ގޮތުގައި ބައެއް އެޕްތަށް ޑައުންލޯޑު ކުރަން އުޅުމުން ޕޮޕަޕް ނޮޓިފިކޭޝަން އަކުން އެޕް ޑައުންލޯޑު ނުކުރެވުނު ކަމަށާއި ޑިވައިސަށް ސަޕޯޓު ނުކުރާނެ ކަމަށް އަންގައެވެ. ނަމަވެސް ބެކްރައުންޑްގައި އެޕް ރަން ކުރަމުން ދާކަން ފާހަގަ ކުރެވިފައި ވެއެވެ. އެޕްގެ އެއްވެސް ހަރަކާތްތަކެއް ފޯން ބޭނުންކުރާއިރު ފާހަގަ ނުވާނެ ކަމަށް ވެސް ދިރާސާގައި ވެއެވެ.

މި މައްސަލަ ދިރާސާކުރި މީހުންވަނީ ހޯދި ހޯދުންތަށް ގޫގުލް އަށް ހުށަހަޅާއެވެ. ގޫގުލް ޕްލޭ ސްޓޯރުން މިއެޕްތަށް ނަގާފައިވީ ނަމަވެސް ކުރިން މިއެޕްތައް ޑައުންލޯޑު ކުރި ފަރާތްތަކުގެ ފޯނަށް މީގެ އަސަރު ކުރަމުންދާނެއެވެ.