ޝަހީދާ އަބްދުﷲ ސައީދު
ސަރުކާރު ޒިންމާދާރުކުރުވުމަށާއި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިހުގައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އދ. އަތޮޅަށް ވަޑައިގެންނެވި މައްސަލައިގައި، ޖުމްހޫރީ ޕާޓީގެ ކައުންސިލަށް، އެ ޕާޓީގެ ކައުންސިލު މެންބަރަކު ސުލޫކީ މައްސަލައެެއް ހުށަހަޅައިފިއެވެ.
ރައީސް ޔާމީނާއެކު އދ. އަތޮޅަށް ވަޑައިގަތުމުން އެމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ހުށަހަޅައިފައިވަނީ ކައުންސިލު މެންބަރު މުހައްމަދު ސައީދެވެ.
މުހައްމަދު ސައީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނަވައިގެން މިމަހުގެ ފަހަކުން ހަޔަކަށް ކުރީގެ ރައީސް ޔާމީނާއެކު އދ. އަތޮޅުގެ ބައެއް ރަށްރަށަށް އިދިކޮޅު ކޯލިޝަން ޕްރޮމޯޓްކުރުމަށް ދަތުރުކުރެއްވުމަކީ ޕާޓީގެ އަސާސީ ގަވައިދުގެ 66 ވަނަ މާއްދާގެ ށ. ނ. އަދި ރ. އާއި ހިލާފު ކަމެއް ކަމަށެވެ.
އަދި ޖުމްހޫރީ ޕާޓީން ސަރުކާރު ކޯލިޝަނަށް ނިސްބަތްވުމުގެ އިތުރުން ޖުމުހޫރީ ފިކުރަކީ ރައްޔިތުންގެ މެދުގައި މަގުބޫލު ފިކުރަކަށް ހަދައި، އެ ފިކުރު ދިރުވައި އާލާކުރުމަށާއި ޕާޓީ ވަރުގަދަކޮށް، މެންބަރުން އިތުރުކުރުމަށް ގާސިމް އިބްރާހީމް އިސްވެ ހުންނަވައިގެން މިދަނޑިވަޅު މަސައްކަތް ފަށާފައިވާއިރު، ގާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ޑރ. ޖަމީލު ހުންނަވައިގެން ޕާޓީގެ އިއްޒަތާއި ގަދަރަށް އުނިކަން ލިބޭގޮތަށް އަމަލުކުރައްވަމުން ގެންދަވާތީ ގާސިމްގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ބަހައްޓަން އެކަށޭނަ ބޭފުޅެއް ނޫން ކަމަށް ދެކޭކަމަށް ސައީދުގެ ސިޓީގައި ވެއެވެ.
އެހެންކަމުން ޑރ. ޖަމީލުގެ މައްސަލަ ބަލައި ގާސިމުގެ އެޑްވައިޒަރު ކަމުގެ މަގާމުން ވަކިކޮށްދިނުމަށް އޭނާގެ ސިޓީގައި ބުނެފައި ވެއެވެ.
މިމަހުގެ ފަސް ވަނަ ދުވަހު ރައީސް ޔާމީނާއެކު ޑރ. ޖަމީލު އދ. އަތޮޅަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ އެމަނިކުފާނު މިހާރު ހުންނެވި ގޮތް ވަރަށް ރަނގަޅަށް ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ.
އަދި ކޮންމެ ސަރުކާރެއްވެސް ގެނައުމަށް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި ޑރ. ޖަމީލު ވިދާޅުވެފައިވަނީ ބަދަލަކަށް ގެނައި ބަދަލުގެ ސަބަބުން ރައްޔިތުން މިހާރު ގޮތް ހުސްވެއްޖެ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ގޮތެއް ހޯދައި ދިނުމަކީ ގައުމާ މެދު ވިސްނާ ކޮންމެ ރައްޔިތަކުވެސް މިއަދު ކުރަންޖެހޭނެ ކަމެއް ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.