ރައްޔިތުންގެ މަޖިލިސް

މަރު ކޮމިޝަންގެ މެންބަރުން ހާޒިރުކޮށް ކުރިއަށްގެންދާ، 241 ކޮމިޓީގެ ބައްދަލުވުން ސިއްރު

އިބްރާހިމް ޒަކީ

1

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައާބެހޭގޮތުން، ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އާއްމުކޮށްފައިވާ ކަންތައްތަކާގުޅޭގޮތުން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ މެންބަރުން ހާޒިރުކޮށް ކުރިއަށްގެންދާ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

އެ ބައްދަލުވުން ފަށާފައިވަނީ މިއަދު 2:00 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިންމައި، މަޖިލީހުގެ ބައެއް މެންބަރުން ޗުއްޓީއަށްދިޔަ ނަމަވެސް، 241 ކޮމިޓީގެ މެންބަރުންނަށް ޗުއްޓީ ނުދީ ރިލްވާންގެ މަރުގެ ރިޕޯޓާބެހޭގޮތުން ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ.

އެހެންކަމުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާގައި ރިޕޯޓަށް ބަހުސް ކުރުމަށްފަހު، އެ ރިޕޯޓުގައިވާ ކަންތައްތައް ބަލައި ދިރާސާކުރުމަށް 241 ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ރިލްވާންގެ މަރާބެހޭގޮތުން ކޮމިޝަނުން އެކުލަވާލައި އާއްމުކޮށްފައިވާ ރިޕޯޓުގައި އެހާދިސާއާގުޅޭގޮތުން ހެކިން ދީފައިވާ ހެކިބަހަށް ރިއާޔަތްކޮށް، ރިލްވާން މަރައިލި ގޮތާއި ރިލްވާން މަރާލަން ދިމާވި ސަބަބުތައް ވަނީ ބަޔާންކޮށްފައެވެ.

އެހާދިސާ ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ކުރި ބައެއްް މަސައްކަތްތަކާބެހޭގޮތުންވެސް ރިޕޯޓުގައި ބައެއް ކަންތައްތައް ވަނީ ފާހަގަކޮށްފައެވެ. އަދި ރިލްވާން މަރާލުމަށްޓަކައި އޭނާ ރަހީނު ކުރުމުގައި ބައިވެރިވިމަކަށް ބުނާ ބައެއް މީހުންގެ މައުލޫމާތުވެސް ހިމަނާފައިވެއެވެ. ނަމަވެސް ރިލްވާންގެ މަރާގުޅިގެން ތަހުގީގަށް ހެކިބަސްދީފައިވާ މީންގެ މައުލޫމާތެެއް، މިހާތަނަށް އާއްމުކޮށްފައިވާ ރިޕޯޓުގައި ހިމަނާފައެއްނުވެއެެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟