ޝަހީދާ އަބްދުﷲ ސައީދު
މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ދޭންފެށިތާ މިއަދަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބަސް ޑްރައިވަރުންނާއި ކޮންޑަކްޓަރުން އަދި ގުޅޭ އެހެން މުވައްޒަފުން ގައުމީ ހެދުމުގައި ޑިއުޓީއަށް ނުކުމެއްޖެއެވެ.
''ވަން'' އަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ މީޑިއާ އޮފިޝަލު ހަސަން ޝިފާނު ރައޫފު ވިދާޅުވީ، އެކުންފުނިން ބުރިޖު ހުރަސްކޮށް ކުރާ ބަހުގެ ހިދުމަތަށް މިއަދު އެއް އަހަރު ފުރުން ފާހަގަކުރުމަށް، ބަހުގެ ހިދުމަތް ދިނުމުގައި ގްރޭޓާ މާލޭ ބަސް ޓާމިނަލުގެ ހުރިހާ މުވައްޒަފުން މިއަދު ޑިއުޓީއަށް ނުކުތީ ދިވެހި ހެދުމުގައި ކަމަށެވެ.
އެގޮތުން ފިރިހެނުން ހުދު ގަމީހާއި ފޭލި އަދި މުންޑު ލައިގެން ނުކުތް އިރު، އަންހެނުން ޑިއުޓީއަށް ނުކުތީ ދިގު ހެދުމުގައެވެ.
އެއް އަހަރު ފުރުން ފާހަގަކުރުމަށް ގްރޭޓާ މާލޭ ބަސް ޓާމިނަލުގައި ކޭކު ފެޅުމާއި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވި ކަމަށް ޝިފާނު ވިދާޅުވިއެވެ. މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެޑްއޮފް އެމްޕީއެލް ޓްރާންސްޕޯޓް ޑިޕާޓްމަންޓް، މުހައްމަދު މަހުޖޫބާއި ޗީފް ފައިނޭންޝަލް އޮފިޝަލް މުހައްމަދު މުއިއްޒެވެ.
ސިނަމާލެ ބުރިޖާއެކު ގިނަ ބަޔަކު އަންނަނީ ބަހުގެ ހިދުމަތް ހޯދަމުންނެވެ. ބަހުގެ ހިދުމަތް އެންމެ ފުރަތަމަ ހިލޭ ދޭންފެށި ނަމަވެސް މިއަހަރުގެ ކުރީކޮޅުން ފެށިގެން ބަހުގެ ހިދުމަތަށް 10 ރުފިޔާ ނަގައެވެ.
އެމްޕީއެލް އިން ބަހުގެ ހިދުމަތް ދިނުމަށް 22 ބަސް ބޭނުންކުރާއިރު ޕީކް ގަޑިތަކުގައި 10 މިނެޓުން ދަތުރުތައް ބާއްވައެވެ.