އެލްޖީއޭ

ކައުންސިލަތަކުގެ މާލީ މުއާމަލާތްތައް އޮންލައިން ކުރަނީ

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ ކައުންސިލްތަކުގެ މާލީ މުއާމަލާތްތައް އޮންލައިން ކުރުމަށް ލޯކަލް ގަވަރމެންޓް (އެލްޖީއޭ) އިން ތައްޔާރުކޮށްފައިވާ މޮޑިއުލަތަކަށް ކައުންސިލްތައް ތަމްރީނުކުރަން ފަށައިފިއެވެ.

މި ޕްރޮގުރާމުގެ ދަށުން ވިޔަ ޕޯޓަލް ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދިނުމާއި ޓްރެއިނިންގް މަސައްކަތް ކުރިއަށްދާނެ ކަމަށް އެލްޖީއޭ އިން މައުލޫމާތުދެއެވެ.

އެގޮތުން ވިޔަ ބޭނުންކޮށްގެން ބަޖެޓުކުރުމާއި ބަޖެޓް ރިޕޯޓު ހެދުމާއި ބިލު ބެލެހެއްޓުމާއި ޕެޓީ ކޭޝް ބެލެހެއްޓުމާއި އޯޑަރުތައް ބެލެހެއްޓުމުގެ މަސައްކަތް އެއްތަނަކުން އޮންލައިންކޮށް ކުރެވޭނެ ކަމަށާއި އަދި އެ މައުލޫމާތުތައް އެލްޖީއޭއިން އެކްސެސް ދޭ ކޮންމެ ފަރާތަކަށް ޕޯޓަލް މެދުވެރިކޮށް ލިބޭނެކަމަށްވެސް އެލްޖީއޭ އިން މައުލޫމާތުދެއެވެ.

"ވިޔަ" ނަމަކަށް ކިޔާ މި މޮޑިއުލަށް ތަމްރީނު ކުރުން ކުރިއަށް ދަނީ ބައި ބަޔަށް ބަހާލައިގެން ކަމަށާއި ކޮންމެ ބަޔަކަށްވެސް ޓްރެއިނިންގް ކުރިއަށް ގެންދާނީ ފަސް ދުވަހުގެ ނިޔަލަށް ކަމަށް އެލްޖީއޭއިން މައުލޫމާތުދެއެވެ. އަަދި ކޮންމެ ކައުންސިލަކުންވެސް މި ޕްރޮގުރާމުގައި ފައިނޭންސާ ބެހޭ ދެ މުވައްޒަފުން ބައިވެރިވާނެ ކަމަށް އެލްޖީއޭ އިން ވަނީ ބުނެފައެވެ. އެގޮތުން ތަމްރީނު ޕްރޮގުރާމުގެ ފުރަތަމަ ބެޗު މިއަދު ފަށާފައިވާއިރު، މިއަދުގެ ބެޗުގައި ހިމެނެނީ 50 ކައުންސިލަކުން 100 މުވައްޒަފުން ކަމަށް އެލްޖީއޭއިން މައުލޫމާތުދެއެވެ.

ހުރިހާ ކައުންސިލަކަށް ވެސް އެއް މަސް ދުވަސް ތެރޭގައި މި ޓްރެއިނިންގް ދީ ނިމޭނެކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.

އެލްޖީއޭއިން ބުނީ ރަސްމީ ސިފައެއްގައި މި ޕްލެޓްފޯމް ބޭނުންކުރަން ފަށާނީ 2020 ވަނަ އަހަރުގެ ޖެނުއަރީ ގައި ނަމަވެސް މިއަންނަ ނޮވެމްބަރުމަހުގެ 30 ގެ ކުރިން މި ޕޯޓަލް ބޭނުން ކުރެވޭގޮތް ވެގެންދާނެ ކަމަށެވެ.

އަދި މި ޕޯޓަލް ރަސްމީ ސިފައެއްގައި ބޭނުން ކުރަން ފެށުމުން ފިނޭންސްގެ ހުރިހާ މަސައްކަތެއް ކުރެވޭނީ މި އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށާއި އޭރުން ފޮތްތަކުގެ ބޭނުން ނުވާނެ ކަމަށްވެސް އެލްޖީއޭ އިން މައުލޫމާތުދެއެވެ.