އެސްޓީއޯ

މައްސަލަ ރިޕޯޓްކުރި ބެޗުގެ ގޮދަންފުށް ވިއްކުން ވަނީ މެދުކަނޑާލާފަ: އެސްޓީއޯ

އަހުމަދު ޖައިޝަން

އެސްޓީއޯއިން ރާއްޖެ އެތެރެކުރާ ގޮދަންފުށުގެ ބެޗެއްގައި "ފާޑެއްގެ" ނުބައި ވަހެއް ދުވާ މައްސަލައެއް އަދި ފާޑެއްގެ ރަހައެއްލާ ކަމަށް ރިޕޯޓްކޮށްފައިވާ ބެޗުގެ ގޮދަން ފުށް ޑިސްޓްރިބިއުޓް ކުރުން މެދުކަނޑާލައިފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއްޔެ ބުނީ އެސްޓީއޯގެ ބެޗް ނަމްބަރު 17016853 ގެ ގޮދަން ފުށުގައި ފާޑެއްގެ ރަހައަކާއި ވަހެއް ދުވާ ކަމަށް ބުނާ މައްސަލައެއް ބަލަމުން ގެންދާ ކަމަށެވެ.

އެސްޓީއޯ އިން މިއަދު ބުނީ އެމްއެފްޑީއޭއިން ފުރަތަމަ ބެލި ބެލުމުން އެ ބެޗުގެ އެއްވެސް ފުށެއްގައި މައްސަލައެއް ހުރިކަން ފާހަގަކުރެވިފައި ނުވާ ކަމަށް އެންގި ކަމަށެވެ.

އެހެންނަމަވެސް އިތުރު ޓެސްޓުތައް ކުރުމަށް އެ އޭޖެންސީއިން ބޭނުންވާތީ ސާމްޕަލް އަނެއްކާވެސް ފޮނުވާފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ނަތީޖާއެއް ލިބެންދެން އެ ބެޗުގެ ގޮދަންފުށުގެ ޑިސްޓްރިބިއުޝަން މަޑުޖައްސާލާފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން ރާއްޖެއަށް ކާޑު އެތެރެކޮށް ވިޔަފާރިވެރިންނަށް ފޯރުކޮށްދެނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގަބޫލުކުރާ މިންގަނޑާ އެއްގޮތަށް ކަމަށެވެ. އަދި ކާޑުގެ ކޮލިޓީ ދެމެހެއްޓުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް އެކުންފުނިން ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.