ޕޮލިސް

ރިލްވާންގެ މައްސަލައިގައި ހިމެނޭ ފުލުހުން އެކަހެރިކުރީ ވެސް އަލުން ވަޒީފާއަށް ނެރުނީވެސް ކުރީގެ ސަރުކާރުން: ޕޮލިސް

އިބްރާހިމް ޒަކީ

3

އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގައި ހިމެނޭ ދެ ފުލުހުން ވަޒީފާއިން އެކަހެެރިކުރީ ވެސް އަދި އަލުން ވަޒީފާއަށް ނެރުނީވެސް ކުރީގެ ސަރުކާރުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ، އެ ދެ ފުލުހުންގެ މައްސަލަ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓާންޑަޑްސް ކޮމާންޑުން ބަލަމުންދާތީ، ވަޒީފާއާމެދު ގޮތެއް ނިމެންދެން 2017 ވަނަ އަހަރުގެ ޖުލައިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް ރަސްމީ މަސައްކަތުން އެ ދެފުލުހުން ދުރުކުރި ކަމަށެވެ.

އެ ދެފުލުހުން އަނބުރައި ވަޒީފާއަށް ނެރުނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު، ކަމަށްވެސް ފުލުހުން ބުުނެފައިވެއެވެ. އަދި އެ ދެ ފުލުހުންގެ ޑިސިޕްލިނަރީ މައްސަލަ ޕްރޮފެޝަނަލް ސްޓާންޑަޑްސް ކޮމާންޑުން މިހާރުވެސް ބަަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

"މިހާރުގެ ރައީސް ހުވާކުރައްވާފައި ވަނީ 17 ނޮވެމްބަރު 2018ގައި. އޭރު ސީޕީއަކަށް ހުންނެވީ ސީޕީ ހަމްދޫން ރަޝީދު އަދި އޮތީ ކުރީގެ ސަރުކާރު." ފުލުހުންގެ މީޑިއާއިން ބުނެފައިވެ އެވެ.

ރިލްވާންގެ މަރުގެ މައްސަލަ ބަލައި، މަރު ކޮމިޝަނުން އެކުލަވައިލި ރިޕޯޓުން ދައްކާގޮތުގައި ރިފްއަތާއި ޖިނާހު، ވަނީ ރިލްވާންގެ ފޯނު ކޯލްތައް 24 އޭފްރީލް 2014 އިންފެށިގެން 21 ޖުލައިގެ ނިޔަލަށް އަޑުއަހައިފައެވެ. އަދި ރިލްވާން ރާއްޖެއިން ފުރައިގެން ޖިހާދުކުރަން ސީރިއާއަށްގޮސް މަރުވެއްޖެކަމަށް ދެއްކުމަށް ރިލްވާންގެ ޕާސްޕޯޓް ހެދުމަށް އިމިގްރޭޝަންގެ އޭރުުގެ ކޮންޓްރޯލާ ހަސަން އަލީއާ އެ ދެބޭފުޅުން ބައްދަލުކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ ދެ ފުލުހުން ހައްޔަރުކުރުމަށް އަމުރަކަށް އެދުމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ފުލުހުންނަށް މިދިޔަ ބުރާސްފަތި ދުވަހު އެންގެވިއެވެ.

އެކަމާގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ، މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ފުރައިގެން ރާއްޖޭން ބޭރަށް ދިޔަކަން ދައްކަން އޭނާގެ ޕާސްޕޯޓެއް ހައްދަން މަސައްކަތް ކުރި ކަމަށް ބުނާ އިންޓެލް ދެ ފުލުހުން މިދިޔަ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށެވެ. އުމަރުގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރިލްވާންގެ މައްސަލައިގައި ތަހުގީގަށް ހުރަސްއެޅި ދެ ފުލުހަކު ހައްޔަރުކުރުމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު އަންގަވާފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި ކޯޕްރަލް އިބްރާހިމް ރިފްއަތަކީ ކުރީގެ ސަރުކާރުން މައްސަލަ ބަލައި، ވަޒީފާއިން ވަކިކޮށްފައިވާ ދެ ފުލުހުން ކަމަށެވެ.

ކުރީ ސަރުކާރުން އެ ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފައިވީ ނަމަވެސް، އެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ބަލައި، އެ ދެ ފުލުހުންނަށް އަލުން ވަޒީފާ ދީފައިވަނީ މި ސަރުކާރުން ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.

ބުރާސްފަތި ދުވަހު، އެ ދެ ފުލުހުން ހައްޔަރުކުރުމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ފުލުހުންނަށް އެންގެވި ނަމަވެސް އެ ދެ ފުހުން ހައްޔަރު ކޮށްފައެއް ނުވެއެވެ.

އޭޖީގެ އެންގެވުމާ ގުޅިގެން ފުލުހުން ބުނީ އެކަން އެގޮތަށް ކުރެވޭނެ ގާނޫނީ ސަބަބުތަކެއް ނެތް ކަމަށް މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ދެކޭ ކަމަށެވެ.

އޭޖީގެ އެ އެންގެވުމާ ގުޅިގެން ހުކުރު ދުވަހު ފުލުހުން އެގޮތަށް ބުނެފައިވަނީ ރިލްވާންގެ މައްސަލައަކީ މަރުތައް ބަލާ ކޮމިޝަނުން ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ މައްސަލައަކަށްވާތީ، އެ މައްސަލައާ ގުޅޭ ޖިނާއީ އިޖުރާއަތެއް ހިންގުމުގެ ކުރިން މަރުތައް ބަލާ ކޮމިޝަނާއެކު، ފޯނުން ކުރި މަޝްވަރާ ތަކުގައި ކޮމިޝަނުން ބުނުމުންނެވެ.

އޭގެ ފަހުން ސީޕީ މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދެ ފުލުހުން ހައްޔަރު ކުރާން ޖެހޭ ނަމަ އެކަން ކުރުމުގެ އިހުތިސާސްވެސް އޮތީ އެ މައްސަލަ ބެލުމަށް ރައީސް ސޯލިހު އުފައްދަވާފައިވާ ކޮމިޝަނުގައި ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟