ލ. އިސްދޫ ގެއަކުން ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދައިފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އިސްދޫ ގެއެއް ބަލައިފާސްކޮށް ބަނގުރާ ތައްޔާރުކުރަން ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ހޯދައިފައިވާ ކަމަށެވެ.
އެގޮތުން ފުލުހުން މިތަކެތި ހޯދާފައިވަނީ އިސްދޫގައި ބަނގުރާ ތައްޔާރުކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެގެ 21:40 އެހާކަންހާއިރު އިސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި އެރަށު ފަޅުގޯއްޗެއް ބަލައިފާސްކޮށްގެން ކަމަށާއި މިގެ ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ތިން ހަން ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.