ދިރާގު މޯލްޑިވްސް ޓެނިސް އޯޕަން

ދިރާގު މޯލްޑިވްސް ޓެނިސް އޯޕަން ފަށައިފި

އަލީ ރިފްޝާން

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ދިރާގު މޯލްޑިވްސް ޓެނިސް އޯޕަން ފަށައިފިއެވެ.

އެ މުބާރާތުގެ މެޗުތައް އިއްޔެ ހެނދުނު ފެށުނު ނަމަވެސް، މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ހަވީރެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނުގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ސަލީމް (ހީނާ ސަލީމް) އާއި ދިރާގު އަދި ޓެނިސް އެސޯސިއޭޝަނުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިއްޔެ އިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގައި 94 ދިވެހި ކުޅުންތެރިންގެ އިތުރުން ސްރީލަންކާގެ ދިހަ ކުޅުންތެރިން ވާދަކުރާނެއެވެ. މިއަހަރުވެސް މުބާރާތް ކުރިއަށްދާނީ އެކި އުމުރުފުރާތަކުގެ މެދުގައެވެ.

މިއީ ދިރާގު މޯލްޑިވްސް ޓެނިސް އޯޕަން ކުރިއަށްގެންދާ ދެވަނަ އަހަރެވެ. އެ މުބާރާތަކީ ސަރަހައްދީ ފެންވަރުގެ މޮޅެތި ކުޅުންތެރިންނާ ވާދަކުރުމުގެ ފުރުސަތު ތަނަވަސްކޮށްދީ، ރާއްޖޭގެ ޓެނިހުގެ ކުރިއެރުމަށް ބާއްވާ މުބާރާތެއް ކަމަށް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.