މަސްތުވާތަކެތީގެ މައްސަލަތައް

މަސްތުވާތަކެއްޗާއެކު ދެމީހަކު އދ. ފެންފުށިން ހައްޔަރުކޮށްފި

އާނިފާ ހުސެއިން ސިރާޖް

އދ. ފެންފުށިން ދެމީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އދ. ފެންފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރު އަދި 31 އަހަރުގެ ދެ ދިވެހިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފެންފުށީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި، އެ ދުވަހުގެ 12:19ހާއިރު ކަމަށާއި މިދެމީހުން ހައްޔަރުކޮށް، އެމީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މިމައްސަލަ އދ. މާމިގިލި ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.