ޝެއިޚް އިމްރާން

ޖަލުން ނުކުންނެވިއިރު، ޕާޓީގެ މެމްބަރުން ވަނީ ވަގަށް ނަގާފައި: އިމްރާން

މުހައްމަދު އައުޒަމް

1

ޖަލުން ނުކުންނެވެވިއިރު، އަދާލަތު ޕާޓީގެ މެމްބަރުން ވަނީ ވަގަށްނަގައި އެހެން ޕާޓީތަކަށް ބަދަލުކޮށްފައި ކަމަށް އެޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ޖަލުގަ ހުންނެވި ދުވަސްވަރު ޕާޓީ އުވާލުމަށް ވެސް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް މިއަދު އުވިގެންދަނީ ކޮން ޕާޓީއެއްތޯ އާއި އަދި މިއަދު އޮތީ ކޮން ޕާޓީއެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

''އަޅުގަނޑުމެން ހާލުގަ ޖެއްސުމަށްޓަކައި ސަރުކާރުގެ ބަޖެޓުން އަޅުގަނޑުމެންނަށް ދޭންޖެހޭ ފައިސާ ގާނޫނު ބަދަލުކޮށްގެން އޭގެން މަހުރޫމްކުރި. އަޅުގަނޑުމެންނަށް ތަނަވަސްކަމުގެ އަހުލުވެރިންގެ ތެރެއިން އެއްޗެއް ދީފާނެހެން ހީވާ މީހުންނަށް ވެސް ބިރުދައްކައިގެން އިންޒާރުދީގެން އަޅުގަނޑުމެން އެކަންކަމުން ދުރުކުރި. އަޅުގަނޑުމެންގެ އޮފީހުގެ ޚަރަދުތައް ނުބެލެހެއްޓި އަޅުގަނޑުމެން އޮފީހުން ނުކުންނަން މަޖުބޫރުވާ ހާލަތަށް ކަންތައްތައް ގެންދިޔަ. އަޅުގަނޑުމެންގެ އެކިއެކި ނުފޫޒުތައް ބޭނުންކޮށްގެން، އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް ކުރަން ތިއްބެވި ބޭބޭފުޅުން އެކި ފަރާތް ފަރާތުން އެކި ގޮތްގޮތަށް ގެންދެވި، އަދި ހަމަ ސީދާ ރާވައިގެން އަދާލަތު ޕާޓީ ފޮހެލުމަށް ނުވަތަ އަދާލަތު ޕާޓީ އުވިގެންދާފަދަ ހާލަތަކަށް ގެންދިޔުމަށް މަސައްކަތް ކުރެއްވި'' އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ހުރިހާ ގޮންޖެހުންތަކަކާއެކު އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ ބެއްލެވުމުގެ ދަށުން ޕާޓީ ހިންގަމުން އައީ ވަރަށް ހިތްވަރާއެކު ކަމަށާއި ސިޔާސީގޮތުން މަސައްކަތް ކުރަންތިބި އެންމެ ޒުވާން ޓީމް އޮތީ އެ ޕާޓީގައި ކަމަށެވެ.

ޖަލުގައި ދިމާވި ކަންތައްތަކާ ގުޅޭގޮތުން އިމްރާން ވިދާޅުވީ ޖަލަށް ވަޑައިގަންނަވަން ޖެހުނު ސަބަބު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ކިޔައިދެއްވި ކަމަށެވެ. އަދީބު ވިދާޅުވިގޮތުގައި އޭނާ ޖަލަށްލީ ރައީސް ޔާމީން ބޭނުންވާގޮތަށް ވެރިކަން ނުކުރެވޭތީ ކަމަށް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑު ޖަލުގެ ފަހަތަށް ގެންދެވުނު ސަބަބު އަދީބާ ދިމާވެގެން ވަރަށް ސާފުކޮށް އެނގުނު. އެއީ ރައީސް ޔާމީނު ބޭނުންފުޅުވާގޮތަށް ވެރިކަން ނުކުރެވޭނެކަން ރައީސް ޔާމީނަށް އެނގިވަޑައިގަތުމުން، ރައީސް ޔާމީން ވިދާޅުވިކަމަށް ވަނީ ދެން މީނަޖެހޭނީ ޖަލަށްލާށޭ. އެހެންވީމަ ވަރަށް ސާފް. އަޅުގަނޑު ކުށެއް ކޮށްގެނެއް ނޫން. ބޭނުންފުޅުވާގޮތަކަށް ވައްކަންކުރަން ބޭނުންފުޅުވާގޮތަކަށް ދައުލަތަށް ޚިޔާނާތްތެރިވާން، ބޭނުންފުޅުވާގޮތަށް ރައްޔިތުންގެ ހައްގުތައް ފޭރިގަންނަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ މި އިމްރާނު މިތާހުރެގެން ފަސޭހައެއް ނުވާނެއޭ. އެހެންވީމަ ދެން ޖެހޭނީ ޖަލަށްލާށޭ. ވަރަށް ސާފު. އެހެންވީމަ ކުށްވެރިވެގެންނެއް ނޫން ޖަލަށްލީ. ޖަލަށްލެވޭ ކޮންމެ މީހަކީ ކުށްވެރިއެއް ނޫން" އިމްރާން ވިދާޅުވިއެވެ.

އިމްރާން ޖަލަށްލީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ، ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމުންނެވެ. އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ހައިކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. އޭގެފަހުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވަނީ މައްސަލަ ބަލައިނުގެންފައެވެ. ނަމަވެސް ދާދިފަހުން އަލުން މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ މައްސަލަ ބަލައިގަނެ، އިމްރާން އެދިވަޑައިގަތްގޮތަށް މައްސަލަ ނިމެންދެން އޭނާ މިނިވަންކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟