ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

އިގުތިސޯދީ ބައިވެރިވުން އިތުރުކޮށްދީގެން އަންހެނުން ބާރުވެރި ކުރުވުމަކީ އަމާޒެއް: ސިދާތާ

ވިޔަފާރީގެ ފަހި ފުރުސަތުތައް ތަނަވަސްކޮށްދީގެން އަންހެނުންގެ އިގުތިސޯދީ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވީ، އިއްޔެއާއި މިއަދުގެ ނިޔަލަށް، މަދްޔަ ޕްރަދޭޝްގެ ސިޓީއެއް ކަމުގައިވާ ޖަބަލްޕޫރްގައި މަދްޔަ ޕްރަދޭޝް އެސޯސިއޭޝަން އޮފް ވިމެން އޮންޓަރޕްރިނިއާސް (އެމްއޭވީއީ) އިން ކުރިއަށް ގެންދާ ސަސްޓެއިނަބަލް ގްރޯތު އޮފް ވިމެން އޮންޓަރޕްރިނިއަރސް އެންޑް އެކްސްޕޯޓް ޕްރޮމޯޝަން (ސްވީޕް) 2019 އިވެންޓުގެ އިފުތިތާހީ ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.

މިނިސްޓަރު ޝިދާތާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އިގުތިސާދުގައި އެންމެ މުހިންމު ދެ ސިނާއަތަކީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތެވެ. އެހެންކަމުން ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ އެ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ކަމަށެވެ.

އިގުތިސޯދާ ގުޅުން ހުރި ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި ތަންފީޒުކުރުމުގެ މަރުހަލާގައި އަންހެނުންގެ ދައުރު މުހިންމު ކަމަށް ވިދާޅުވެ، ވިޔަފާރިއާއި އިގުތިސޯދީ ކަންކަމާ ގުޅުން ހުރި ވުޒާރާގެ ސިޔާސަތުތައް ކަނޑައަޅާ އެންމެ އިސް މަގާމުތަކުގައި އަންހެނުން ތިއްބެވި ކަން މިނިސްޓަރު ޝިދާތާ ފާހަގަކުރެއްވިއެވެ.

އަދި އަންހެން ވިޔަފާރިވެރިން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވާ ކަމަށާއި، ހާއްސަކޮށް ރަށްފުށުގައި ދިރިއުޅޭ އަންހެނުންނަށް ލުއި ލޯނާއި މޯބައިލް ބޭންކިންގެ ހިދުމަތް ލިބޭނެ މަގު ފަހި ކޮށްދިނުން ހިމެނޭ ކަމަށް ސިދާތާ ވިދާޅުވިއެވެ.

އެކަމަށްޓަކައި މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި ސިދާތާ ވިދާޅުވީ، އަންހެނުން އިގުތިސޯދީ ގޮތުން ބާރުވެރިކުރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ޖެންޑާ އިކުއަލިޓީ ޕޮލިސީއާއި ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން މިހާރު ވުޖޫދަށް އައުމުގެ މަރުހަލާގައި އޮތް ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ގައުމުގެ އިގުތިސޯދީ ތަރައްގީގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތެއް ފަހިވެ، އިގުތިސޯދީ ބައިވެރިވުމުގައްޔާއި ބާރުވެރިކަމުގައި އަންހެނުންނާއި ފިރިހެނުންނަށް އެއް ހަމައެއްގައި ފައިދާކުރާނެ ކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.

ސްވީޕް 2019 އިވެންޓުގައި ރާއްޖޭގެ 21 މެންބަރުން ހިމެނޭ އަންހެނުންގެ ވަފުދެއް ތަމްސީލުކުރާ އިރު، މި ވަފުދުގެ އެންމެ އިސް ފަރާތަކީ މިނިސްޓަރު ޝިދާތާއެވެ. މީގެ އިތުރުން އިންޓަރނޭޝަނަލް އެމްއޭވީއީ އެޗީވްމަންޓް އެވޯޑުގައި ވެސް ސިދާތާ ބައިވެރިވެވަޑައިގެންނެވިއެވެ.