އަލީ ރިފްޝާން
ރާއްޖޭގައި ބާއްވާ ތުރީ އޮން ތުރީ އޭޝިއާ ކުއެސްޓް ފައިނަލް މާލޭ ސިޓީގައި ފަށައިފިއެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދާ މުބާރާތް ފެށުނީ އިއްޔެ ހަވީރެވެ. އެ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަނު އަދި އަންހެން ޑިވިޝަނުގައި ވެސް ރާއްޖޭގެ ދެ ޓީމެއް ވާދަކުރެއެވެ. އެ ޓީމުތަކަށް ދީފައިވަނީ މާލޭ ސިޓީގެ ހަތަރު އަވަށް ކަމަށްވާ މައްޗަންގޮޅި އާއި މާފަންނު އާއި ގަލޮޅު އަދި ހެންވޭރުގެ ނަމެވެ.
އެ މުބާރާތުގައި އިއްޔެ ރާއްޖޭގެ ހަތަރު ޓީމުން ވެސް މެޗެއް ކުޅެފައިވެއެވެ. އެ ހަތަރު މެޗުން ވެސް ރާއްޖޭގެ ޓީމުތައް ވަނީ ބަލިވެފައެވެ.
ފިރިހެން ޑިވިޝަނުގައި އިއްޔެ ހަވީރު ކޮރެއާގެ އިންޖެ އަތުން ރާއްޖޭގެ މައްޗަންގޮޅި ބަލިވީ 22-10 އިންނެވެ. އަންހެން ޑިވިޝަނުގައި އިއްޔެ ހަވީރު ޗައިނާގެ ޓޮޕް ސްޓާ އަތުން 21-4 އިން މާފަންނު ބަލިވި އިރު، ފިރިހެން ޑިވިޝަނުގައި ގަތަރުގެ ދޯހާ އަތުން ގަލޮޅު ބަލިވީ 21-9 އިންނެވެ. އަދި ރޭ ކުޅުނު އަންހެން ޑިވިޝަންގެ މެޗުގައި މޮންގޯލިއާގެ އުލާންބާތަރު އެމަޒޯންސް އަތުން ހެންވޭރު ބަލިވީ 21-7 އިންނެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ރާއްޖޭގެ ފަރާތުން ވާދަކުރަނީ މައްޗަންގޮޅި އާއި ގަލޮޅެވެ. އަދި އަންހެން ޑިވިޝަނުގައި ރާއްޖޭގެ ފަރާތުން ވާދަކުރަނީ މާފަންނާއި ހެންވޭރެވެ. އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ޖުމްޕަ 16 ޓީމު ވާދަކުރާ އިރު، އަންހެން ޑިވިޝަނުގައި ވާދަކުރަނީ 12 ޓީމެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރާ ރާއްޖޭގެ މައްޗަންގޮޅި ޓީމުގައި ހިމެނެނީ އަހްމަދު އަފްސަން ރަޝާދާއި އަހްމަދު ހުޝާމާއި އަހްމަދު ނަޖީލް އަދި އަހްމަދު އަލީ މުސްތަފާއެވެ. އެ ޑިވިޝަނުގައި ވާދަކުރާ ގަލޮޅު ޓީމުގައި ހިމެނެނީ ހައިޝަމް ދާއޫދާއި އަލީ އަޝްހަމް އާއި އަފްލާހު ޝަރީފް އަދި ހުސައިން ހަލީމެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގައި ވާދަކުރާ ރާއްޖޭގެ މާފަންނު ޓީމުގައި ހިމެނެނީ އާމިނަތު އިސްރާއު އަބްދުލް ޝުކޫރާއި އާމިނަތު ޝިއުރާ އަބްދުލް ބާރީ އާއި ފާތިމަތު ރިޝްމާ އަދި ޝައިލާން އަފްޒަލްއެވެ. އެ ޑިވިޝަނުގައި ވާދަކުރާ ހެންވޭރު ޓީމުގައި ހިމެނެނީ ރާއިފާ އިބްރާހީމާއި އާއިޝަތު ޒާނާ ޖިނާހާއި ހައުމާ އުބައިދުﷲ އަދި މަރިޔަމް ޒައިނާއެވެ.
އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނުންނަށް އަންނަ މަހު ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބާއްވާ ފީބާ ވޯލްޑް ޓުއާ އިން ފުރުސަތު ލިބޭނެއެވެ.