ޕޮލިސް

އުމަރަށް ފުލުހުންގެ ރައްދު: ރިލްވާންގެ މައްސަލައިގައި ހިމެނޭ ފުލުހުން އެއްވެސް އިރެއްގައި ވަޒީފާއިން ވަކިކޮށްފައެއް ނުވޭ

1

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ފުރައިގެން ރާއްޖޭން ބޭރަށް ދިޔަކަން ދައްކަން އޭނާގެ ޕާސްޕޯޓެއް ހައްދަން މަސައްކަތް ކުރި ކަމަށް ބުނާ އިންޓެލް ދެ ފުލުހުން މިދިޔަ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމުން، ފުލުހުން އެކަން ދޮގުކޮށްފިއެވެ.

އުމަރުގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރިލްވާންގެ މައްސަލައިގައި ތަހުގީގަށް ހުރަސްއެޅި ދެ ފުލުހަކު ހައްޔަރުކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަންގަވާފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި ކޯޕްރަލް އިބްރާހިމް ރިފްއަތަކީ ކުރީގެ ސަރުކާރުން މައްސަލަ ބަލައި، ވަޒީފާއިން ވަކިކޮށްފައިވާ ދެ ފުލުހުން ކަމަށެވެ.

ކުރީ ސަރުކާރުން އެ ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފައިވީ ނަމަވެސް، އެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ބަލައި، އެ ދެ ފުލުހުންނަށް އަލުން ވަޒީފާ ދީފައިވަނީ މި ސަރުކާރުން ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު އެހެން ވިދާޅުވި ނަމަވެސް، ފުލުހުން ބުނީ އެ އޮފިސަރުން އެއްވެސް އިރެއްގައި ވަޒީފާއިން ވަކިކޮށްފައެއް ނުވާ ކަމަށެވެ.

އެ ދެ ފުލުހުން ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމަށް ބަންޑާރަ ނައިބު ރިފްއަތު އެދިވަޑައިގެންފައި ވަނިކޮށް، އެކަން ކުރެވޭނެ ގާނޫނީ ސަބަބުތަކެއް ނެތް ކަމަށް މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ދެކޭ ކަމަށް ފުލުހުން މިރޭ ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ރިލްވާންގެ މައްސަލައަކީ މަރުތައް ބަލާ ކޮމިޝަނުން ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ މައްސަލައަކަށްވާތީ، އެ މައްސަލައާ ގުޅޭ ޖިނާއީ އިޖުރާއަތެއް ހިންގުމުގެ ކުރިން މަރުތައް ބަލާ ކޮމިޝަނާއެކު ރޭ ފޯނުން މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. އަދި އެ ކޮމިޝަނުން ލަފާ ދިނީ އެ ދެ ފުލުހުން ހައްޔަރު ކުރެވޭނެ ގާނޫނީ ސަބަބެއް ނެތުމުން، އެ ފުލުހުންގެ މައްސަލަ ތަހުގީގު ކުރުމަށް ކަމަށެވެ.

ރިލްވާންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްދިނުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދެން އޭޖީގެ ފަރާތުން ފުލުހުންގެ ކިބައިން އެދިފައިވަނިކޮށް، އިއްޔެ ފުލުހުން ވަނީ އެ ދެ ފުލުހުން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟