ޕޮލިސް

ރައީސް ނަޝީދާއި ޕީޖީ ލީޑަރުންނަށް ލިބުނު ރިލްވާންގެ މަރާ ގުޅޭ ޑްރާފްޓް ރިޕޯޓު ފުލުހުންނަކަށް ނުލިބޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރުންނަށް ލިބުނު މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެކުލަވާލި ޑްރާފްޓް ރިޕޯޓު ފުލުހުންނަށް ލިބިފައިނުވާ ކަމަށް އެ ސާވިސްއިން ބުނެފިއެވެ.

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެކުލަވާލި ޑްރާފްޓް ރިޕޯޓު، އެ ކޮމިޝަނުން ރައީސް ނަޝީދަށް އެރުވުމުން އެ ރިޕޯޓުގެ ކޮޕީއެއް މަޖިލީހުން ވަނީ ޕީޖީ ލީޑަރުންނަށް ވެސް އަރުވައިފައެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮމިޝަނުން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކުރި ޑްރާފްޓް ރިޕޯޓު ފުލުހުންނަށް ހިއްސާކޮށްދިނުމަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި އެ ރިޕޯޓު ލިބުމުން ރިޕޯޓުގައި ފާހަގަކޮށްފައިވާ އެ ސާވިސްއާ ގުޅޭ ކަންކަމުގައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަރުގެ މައްސަލަތައް ބަލާ ކޮމިޝަން އުފެއްދި ދުވަހުން ފެށިގެން އެ ސާވިސްއިން، ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުން ދީ، އެ ސާވިސްގައި ހުރި ރިލްވާންގެ މައްސަލައާ ގުޅޭ ހުރިހާ މައުލޫމާތު އަދި ޑޮކިއުމެންޓްތައް އެ ކޮމިޝަނާ ހިއްސާކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މި ސާވިސްއިން ކޮށްދޭން އެ ކޮމިޝަނުން އެދިވަޑައިގެންނެވި އެއްވެސް ކަމެއް ކޮށްނުދީގެން ކޮމިޝަނުގެ ތަހުގީގަށް އެއްވެސް ދައްޗެއް ނުވާ ކަމަށާއި އަދި ކޮމިޝަނުގެ ތަހުގީގަށް މި ސާވިސްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށް ގަބޫލުކުރައްވާ ކަމަށް ކޮމިޝަނުން ވިދާޅުވެފައިވެއެވެ..،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ރިލްވާންގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ކޯޕްރަލް މުހައްމަދު ޖިނާހާއި ކޯޕްރަލް އިބްރާހިމް ރިފްއަތު ހައްޔަރުކޮށްދިނުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އެދިވަޑައިގެންފައި ވަނިކޮށް، އިއްޔެ ފުލުހުން ވަނީ އެ ދެ ފުލުހުން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައެވެ. ނަމަވެސް އެ ދެ ފުލުހުން ހައްޔަރުކުރެވޭނެ ގާނޫނީ ސަބަބުތަކެއް ނެތް ކަމަށް މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ދެކޭ ކަމަށް ފުލުހުން މިރޭ ވަނީ ބުނެފައެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނީ ރިލްވާންގެ މައްސަލައަކީ މަރުތައް ބަލާ ކޮމިޝަނުން ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ މައްސަލައަކަށްވާތީ، އެ މައްސަލައާ ގުޅޭ ޖިނާއީ އިޖުރާއަތެއް ހިންގުމުގެ ކުރިން މަރުތައް ބަލާ ކޮމިޝަނާއެކު ރޭ ފޯނުން މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. އަދި އެ ކޮމިޝަނުން ލަފާ ދިނީ އެ ދެ ފުލުހުން ހައްޔަރު ކުރެވޭނެ ގާނޫނީ ސަބަބެއް ނެތުމުން، އެ ފުލުހުންގެ މައްސަލަ ތަހުގީގު ކުރުމަށް ކަމަށެވެ.