މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ފުރައިގެން ރާއްޖޭން ބޭރަށް ދިޔަކަން ދައްކަން އެނާގެ ޕާސްޕޯޓެއް ހައްދަން މަސައްކަތް ކުރި ކަމަށް ބުނާ އިންޓެލް ދެ ފުލުހުން ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އެދިވަޑައިގެންފައިވަނިކޮށް، އެކަން ކުރެވޭނެ ގާނޫނީ ސަބަބުތަކެއް ނެތް ކަަމަށް މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ދެކޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރިލްވާންގެ މައްސަލައަކީ މަރުތައް ބަލާ ކޮމިޝަނުން ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ މައްސަލައަކަށްވާތީ، އެ މައްސަލައާ ގުޅޭ ޖިނާއީ އިޖުރާއަތެއް ހިންގުމުގެ ކުރިން މަރުތައް ބަލާ ކޮމިޝަނާއެކު ރޭ ފޯނުން މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. އަދި އެ ކޮމިޝަނުން ލަފާ ދިނީ އެ ދެ ފުލުހުން ހައްޔަރު ކުރެވޭނެ ގާނޫނީ ސަބަބެއް ނެތުމުން، އެ ފުލުހުންގެ މައްސަލަ ތަހުގީގު ކުރުމަށް ކަމަށެވެ.
"މިގޮތުން ކުރެވުނު މަޝްވަރާގައި އެކޮމިޝަނުގެ ފަރާތުން މި ސަރވިސްއަށް މައުލޫމާތު ދެއްވާފައިވަނީ ކުރީގެ ބައްދަލުވުންތަކުގައިވެސް ފާހަގަކޮށްފައިވާ ފަދައިން، އެ ކޮމިޝަނުން މިހާތަނަށް ފާހަގަކޮށްފައިވާ ދެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކިތައް ލިބިފައި ނުވާތީ އެ މައްސަލައާ ގުޅިގެން އެެ ދެ ފުލުހުން ހައްޔަރުކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުދެކޭ ކަަމަށާއި ނަމަވެސް، އެ ފުލުހުންނާ މެދު އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި މި ސަރވިސްގެ ފަރާތުން އެ ފުލުހުންގެ މައްސަލަ ތަހުގީގު ކުރަން ފެންނަ ކަމަށެެވެ..،" މިރޭ ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.
ފުލުހުން ބުނީ މަރުތައް ބަލާ ކޮމިޝަން އުފެދުނީއްސުރެ ފުލުހުންގެ ފަރާތުން އެކޮމިޝަނަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށެވެ. އަދި އެކޮމިޝަނުން ރިލްވާންގެ މައްސަލައިގެ ތަހުގީގާ ގުޅިގެން ތައްޔާރު ކުރި ޑްރާފްޓް ރިޕޯޓް ފުލުހުންނާ ހިއްސާ ކުރަން އެދިފައިވާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެ ރިޕޯޓް ލިބުމުން ފުލުހުންގެ އިދާރާއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ރިލްވާން މައްސަލައިގައި ހިމެނޭ ދެ ފުލުހުން އިއްޔެ ވަނީ މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައެވެ. އެގޮތަށް އަމަލު ކޮށްފައިވަނީ އެ ދެ މީހުން ހައްޔަރުކޮށްދިނުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދެން އޭޖީގެ ފަރާތުން ފުލުހުންގެ ކިބައިން އެދިފައިވަނިކޮށެވެ.
"ވަން"އަށް މައުލޫމާތު ދެއްވަމުން އޭޖީ އިބްރާހީމް ރިފްއަތު އިއްޔެ ވިދާޅުވީ މީހަކު ކަނޑުފައްތަން އުޅޭކަމުގެ މައުލޫމާތު 24 ޖޫން 2014 ގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށް މަރުތަކާ ބެހޭ ކޮމިޝަނުން ރިލްވާންގެ މަރުގެ މައްސަލައިގައި ނެރުނު ރިޕޯޓްގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން ފިޔަވަޅު އަޅާފައިނުވާތީ، އެކަން އެގޮތަށް ކުރީ ކީއްވެގެންކަން ސާފު ކޮށްދިނުމަށާއި އަދި އެކަމުގައި ބައިވެރިވާ ފަރާތްތައް ވަޒީފާއިން ވަކިކޮށްދިނުމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން، ފުލުހުންނަށް ފޮނުވި ސިޓީގައި ވަނީ އެދިފައެވެ.
މީގެ ފަސް އަހަރު ކުރިން، 8 އޮގަސްޓް 2014 ގައި ރިލްވާން ވީނުވީއެއް ނޭނގި ގެއްލުނު އިރު، އެ މައްސަލައާ ގުޅިގެން މިހާތަނަށް ލިބުނު މައުލޫމާތާއި ހެކިންގެ ހެކިބަހަށް ބެލުމަށްފަހު މަރުތަކާ ބެހޭ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން އޭނާ ވަގަށް ނަގައިގެން ގެންގޮސް އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ.
އަދި ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާގެ ބޯ ބުރިކޮށްލައި މަރާލި ކަމަށް ރިލްވާންގެ މައްސަލާގައި އެކުލަވާލި ތަހުގީގު ރިޕޯޓްގައިވެއެވެ. ނަމަވެސް ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން އެއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ސުއޫދު ވިދާޅުވެފައިވެއެވެ.