ޕީޕީއެމް

ވޯޓު ކަރުދާސްތައް ނައްތާލުމަކީ އިންތިހާބުގައި އޮޅުވާލުންތަކެއް އުޅޭކަން ސާފުވާ ކަމެއް: ޕީޕީއެމް

ވޯޓު ކަރުދާސްތައް ނައްތާލުމަކީ އިންތިހާބުގައި އޮޅުވާލުންތަކެއް އުޅޭކަން ސާފުވާ ކަމެއް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.

ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލިކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާ ދިއުމާ ވިދިގެން އެކަން ފުރިހަމައަށް ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް އެ ޕާޓީން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ފުލުހުންގެ ތަހުގީގީ މަސައްކަތް ފުރިހަމަ ނުވަނީސް، އިންތިހާބުގެ ވޯޓު ކަރުދާސްތައް ކުއްލިގޮތަކަށް ނައްތާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު މީޑިއާއަށް ހާމަކޮށްފައިވާ ކަމަށެވެ.

ޕީޕީއެމްއިން ބުނީ ސިއްރިއްޔާތުގައި އަދި އެހާމެ ކުއްލި ގޮތަކަށް ވޯޓު ކަރުދާސްތައް ނައްތާލާފައިވާކަމީ، ނިމިދިޔަ ރިޔާސީ ތިންތިހާބުގައި ބޮޑެތި ގެއްލުންތަކާއި މަކަރާއި ހީލަތް ހަދާފައިވާކަން އަދި އެ އަމަލުތަކަކީ ސީދާ އިލެކްޝަންސް ކޮމިޝަނުން ރާވާފައިގެން ހިންގާފައިވާ ޖަރީމާއެއްކަން އޮޅުންފިލާ ކަމެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަންގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ހާލު، އެ ކޮމިޝަންގެ ރައީސް އަދި މެމްބަރުން އެފަދަ މުހިންމު ގައުމީ މަސްލަހަތާ ގުޅޭ މުއައްސަސާއެއް ހިންގުމުގައި ދެމިތިބެން ނުކުޅެދިފައިވާ ކަމަށް މި ޕާޓީން ދެކެމެވެ. އަދި އެ ކޮމިޝަނުންގެ މެމްބަރުން ވަގުތުން ވަގުތަށް މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލަމެވެ..،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމްއިން ބުނީ އިންތިހާބުގެ ވޯޓު ކަރުދާސްތަކަކީ އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ގުޅިގެން ބަލަހައްޓަންޖެހޭ އަމާނާތަކަށް ވީހިނދު އެ ކޮމިޝަނުން އެފަދަ ބޮޑު ޖަރީމާއެއް ހިންގައި، އެކަން ނުހަނު ކިބުރުވެރިކަމާއެކު އާންމުކޮށް އިއުލާކުރި ކުރުމާއި، އިންތިހާބާ ގުޅޭ މައްސަލަތަކެއް ތަހުގީގުކޮށް އިލެކްޝަންސް ކޮމިޝަން ޖަވާބުދާރީ ކުރުވައި، އަދި ކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު އާންމުކުރުމަށް ފުލުހުންނަށް ގޮވާލާ ކަމަށެވެ.

ޕީޕީއެމްއިން ހުށަހެޅި މައްސަލައިގެ ފުރިހަމަ ޖިނާއީ ތަހުގީގެއް ނިންމައި، މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބުދާރީވެ، އިންސާފު ހޯދައިދިނުމުގެ ގާނޫނީ ޒިންމާ ފުލުހުން ފަސްނުޖެހި އަދާކުރާނެ ކަމަށް ޔަގީންކުރާ ކަމަށް ވެސް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެފައިވަނީ ވޯޓު ކަރުދާހާ ގުޅުން ހުރި ކަމެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމެއް އެ ކޮމިޝަނަށް އެނގިފައިނުވާ ކަމަށާއި ތަހުގީގުކުރާކަން އަންގާފައެއް ވެސް ނެތް ކަމަށެވެ. އަދި އީސީން ވޯޓު ކަރުދާސްތައް ނައްތާލާފައިވަނީ ގާނޫނުން ވޯޓު ކަރުދާސްތައް ބެހެއްޓުން ލާޒިމުކުރާ މުއްދަތު ހަމަވެ، ހަތް ދުވަސް ފަހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.