ހުތުބާ

އުހުރަވީ ހަޔާތުގައި ﷲގެ ރަހުމަތްފުޅު ހާއްސަވެގެންވަނީ ހަމައެކަނި މުއުމިނު އަޅުތަކުންނަށް: ހުތުބާ

އުހުރަވީ ހަޔާތުގައި ﷲގެ ރަހުމަތްފުޅު ހާއްސަވެގެންވަނީ ހަމައެކަނި މުއުމިނު އަޅުތަކުންނަށް ކަމަށާއި އެދުވަހުން ﷲ އަށް އީމާން ނުވާ މީހުން ﷲގެ ރަހުމަތުން ބޭރުކުރެވޭނެ ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ މާތްﷲގެ ރަހުމަތްފުޅު ނުވާ ނަމަ، މި ދުނިޔެމަތީގައި އެއްވެސް މީހަކަށް ނޭވާ ވެސް ނުލެވޭނެ ކަމަށާއި އެއްވެސް މީހަކަށް ބޯނެ ފެންފޮދެއް ވެސް ނުލިބޭނެ ކަމަށެވެ. އަދި ބަލިވެއްޖެ ނަމަ، ﷲގެ ރަހުމަތްފުޅު ނުވާނަމަ އެއްވެސް މީހަކަށް ޝިފާއެއް ނުލިބޭނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"މިއީ ދުނިޔެމަތީގައި އެންމެހައި މީސްތަކުންގެ މައްޗަށް ލައްވާ ﷲގެ އާންމު ރަހުމަތްފުޅެވެ. އެހެންނަމަވެސް އުހުރަވީ ހަޔާތުގައި ﷲގެ ރަހުމަތްފުޅު ހާއްސަކުރެވިގެންވަނީ މުއުމިނު އަޅުތަކުންނަށެވެ. އަދި އެދުވަހުން ﷲ އަށް އީމާން ނުވާ މީހުން ﷲގެ ރަހުމަތުން ބޭރު ކުރެވޭނެއެވެ...،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މާތްﷲގެ ރަހުމަތްފުޅު އެކަލާނގެ އަޅުތަކުންނަށް މި ދުނިޔެމަތީގައި ވެސް އަދި އާހިރަތުގައި ވެސް ވަރަށް ބޮޑަށް ތަނަވަސްވެގެންވާ ކަމަށާއި މަޔަކު އޭނާގެ ތުއްތު ދަރިފުޅަށް ރަހުމުކުރާ ވަރަށްވުރެ މާ ބޮޑަށް ﷲ އެކަލާނގެ އަޅުތަކުންނަށް އޯގާވެވޮޑިގަންނަވާ ކަމަށެވެ. އަދި މި ދުނިޔޭގައި ﷲގެ ރަހުމަތްފުޅު އެންމެހައި އަޅުތަކުންގެ މައްޗަށް އާންމުވެ ޝާމިލުވެގެންވާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

މި ދުނިޔެމަތީގައި ކުރެވިފައިވާ ފާފަތަކުގެ ގިނަކަމުގެ ސަބަބުން އެއްގޮތަކަށް ވެސް މާޔޫސްވާކަށް ނުޖެހޭ ކަމަށާއި ﷲގެ ރަހުމަތްފުޅާ މެދު އުންމީދު ކަނޑާލައި، ހެޔޮ އަމަލުތަކާ ދުރަށްދާކަށް ވެސް ނުޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"އެހެނީ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީ ނަމަވެސް އިހުލާސްތެރިކަމާއެކު ތައުބާވެ، ހެޔޮ އަމަލުތައް ކުރުމުން ﷲ އަޅުގަނޑުމެންގެ އެންމެހައި ފާފަތަކެއް ފުއްސަވައިދެއްވާނެކަން ވަނީ އަންގަވައިފައެވެ. އަދި ހެޔޮ އަމަލުތައް ގިނަ ކުރުމަކީ ނުބައި އަމަލުތައް ފުހެވިގެންދާނޭ ކަމެކެވެ...،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ މީހަކު ނުބައި އަމަލެއް ކޮށްފިނަމަ އެމީހަކަށް ނުބައި ޖަޒާ ދެއްވަނީ އެމީހަކު އެކުރި އަމަލަކާ އެއްވަރަށް ކަމަށާއި އެއަށްވުރެ އިތުރަކަށް އަޒާބެއް ނުދެއްވާނެ ކަމަށެވެ. ނަމަވެސް މީހަކު ހެޔޮ އަމަލެއް ކޮށްފިނަމަ އެ އަމަލެއްގެ ހެޔޮ ޖަޒާ ދިހަ ގުނައިން ފެށިގެން ހަތް ސަތޭކަ ގުނައަށް އިތުރުކޮށްދެއްވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.