ބޮލީވުޑް

20 އަހަރަށްފަހު ޖެކީ، މަނީޝާ އަދި ސަންޖޭގެ ފިލްމެއް

ޖެކީ، މަނީޝާ އަދި ސަންޖޭ އެކުގައި ފެނިގެންދާ ފިލްމު "ޕްރަސްތަނަމް" ރިލީސްކުރުމުގެ ޕްރޮމޯޝަން ފަށައިފިއެވެ.

މި ތިން ތަރިން ވަނީ މީގެ 20 އަހަރު ކުރިންވެސް އެކުގައި ފިލްމަކުން ފެނިފައެވެ. އެއީ ފިލްމު 'ކާޓޫސް" އެވެ.

ފިލްމުގެ ޕްރޮމޯޝަންގެ ހަރަކާތްތަކުގައި އުޅެމުން ޖެކީ ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި ތިން މީހުން އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަވި ކަމަށާއި ހީވީ އޭރު ހުއްޓާލާފައި އޮތް ހިސާބުން އަލުން ފެށުނުހެން ކަމަށެވެ. ޖެކީ އިތުރަށް ބުނި ގޮތުގައި ފިލްމު އިންޑަސްޓްރީ ކިތަންމެ ކުޑަ ނަމަވެސް ރައްޓެހިން ބައްދަލުވުމަށް އެތައް އަހަރެއް ނަގާ ކަމަށާއި އަދި އެކުގައި މަސައްކަތް ކުރުމަށް އެއަށްވުރެ ގިނަ ވަގުތު ނަގާ ކަމަށެވެ.

ޖެކީ ވަނީ އޭނާގެ ކޯސްޓާރުން ދެކެ ލޯބިވާ ކަމަށް ބުނެފައެވެ. އަދި އިތުރަށް ބުނިގޮތުގައި ލޯބިވި ކަމުގައި ވިޔަސް ބާރަށް ކޮންމެހެން ކިޔާކަށް ނުޖެހޭ ކަމަށެވެ.

ފިލްމު ޕްރަސްތަނަމް އަކީ 2010 ގައި ނެރުނު ޓެލްގޫ ފިލްމެއްގެ ރީމޭކެކެވެ. 

ފިލްމުގައި މި ތިން ތަރިންގެ އިތުރުން ޗަންކީ ޕަންޑޭއާއި އަލީ ފަޒާލް އާއި އަމީރާ ދަސްތޫރު އަދި ސަތްޔަޖީތް ދުބޭ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. ފިލްމު ރިލީސްކުރަނީ މިމަހު 20 ގައެވެ.