ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޑރ. ޝަހީމްގެ ރައްދު ސަނީފަށް: ދީނީ ހަރުކަށި ފިކުރާ އަބަދުވެސް ދެކޮޅު

ފަތޯނާ ފާއިޒު

އެމަނިކުފާނަކީ ފެށުނީއްސުރެ ވެސް ދީނީ ހަރުކަށި އަަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެެއެވެ.

ޑރ. ޝަހީމް އެހެން ވިދާޅުވީ އެމަނިކުފާނަކީ ޓެރަރިސްޓުން ރެކްރޫޓްކުރާ ލީޑަރެއްކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކައިގައި ވިދާޅުވުމުން، އެކަން ކުށްވެރި ކުރައްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ޖަލްސާގައި ސަނީފް ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސުލްޖުމްހޫރިިއްޔާ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޝަހީމް ހަމަޖެއްސި އަޑު އިވުމުންވެސް އެއީ އާދައިގެ ވެރިކަމެއް ނޫންކަން އެނގިގެން ދިޔަ ކަމަށެވެ. އަދި ރާއްޖޭގެ އެތައް ބަޔަކު ތުހުމަތުކުރާ ޓެރަރިސްޓުން ރެކްރޫޓްކުރާ ޖަމާއަތެއްގެ ލީޑަރެއް ކަމަށް ބަޔަކު ބުނަމުންދާ މީހެއް، ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސުމުން ދިވެހިންގެ ހިތަށް ކުއްލި ސިހުމެއް ލިބުނު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާތަނަށް ދިވެހިރާއްޖޭގެ ކަމާ ބެހޭ އެއްވެސް އިދާރާއަކުން މިފަދަ ކަމެއްގައި އަޅުގަނޑަށް ތުހުމަތުކޮށްފައިނުވެއެވެ. އަދި އަޅުގަނޑަކީ ފެށުނީއްސުރެ ދީނީ ހަރުކަށި އަމަލުތަކާ ދެކޮޅަށް ރާއްޖޭގައްޔާއި ބައިނަލްއަގުވާމީ މުޖުތަމައުގައި ވަކާލާތުކުރަމުންދާ މީހެކެވެ. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގާއިމުކޮށް އިސްލާމްދީނުގެ މެދުމިނުގެ ހަމަތައް ނަގަހައްޓަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެއެވެ. މިކަމުގައި ދިވެހި ދައުލަތުގެ މުއައްސަސާތަކާއި ބައިނަލްއަގުވާމީ މުއައްސަސާތައް ހެކިވާނެއެވެ. ސަނީފް ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ..،" ޑރ. ޝަހީމް ފޭސްބުކްގައި ލިޔުއްވާފައިވެއެެވެ.

ޑރ. ޝަހީމް ވިދާޅުވިގޮތުގައި ސަނީފްގެ ވާހަކަތަކަކީ އެމަނިކުފާނުގެ ޝަހުސިއްޔަތު ކަތިލުމަށް ކުރިއަށް ރޭވިފައި ހުރި އެތައްކަމެއްގެ ފެށުން ކަމުގައި ވެދާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ޒިންމާދާރުބަޔަކަށް ވާންވާނެ ކަަމަށާއި މީހުންގެ ޝަހުސިއްޔަތު ކަތިލަން ދޮގު ވާހަކަތައް ދެއްކުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކަރާމަތާ ގުޅޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ހައްގުތައް ހޯދައިދީ އަދުލުވެރިކަން ނަގަހައްޓަން އައި ބަޔަކު އެހެން ގޮތަކަށް އަމަލުކޮށް ބައެއްގެ އަބުރާއި އިންސާނީ ކަރާމަތާއި ހައްގުތައް ނަގާލައި ދުނިޔޭގައި އުޅެންވެސް އުނދަގޫ ކުރުމަކީ ދެރަވަރު ކަމެއް ކަމަށެވެ.