ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތަށް މަޖިލީހުގެ ރައީސް ދެއްވީ "ބީ ޕްލަސް"

ފަތޯނާ ފާއިޒު

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތަށް ދެއްވާނީ "ބީ ޕްލަސް" އެއް ކަަމަށް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާ، މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ދިޔައީ ކުރިއާ އަޅާބަލާއިރު ހަލުވި ކޮށް ކަމަށެވެ. އެގޮތުން ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އެކި ދުވަސްދުވަހު ރޭގަނޑު ވެސް ޖަލްސާތައް ބޭއްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ނަވާރަ ވަނަ މަޖިލިސް ފައްޓަވަމުން އަޅުގަނޑުމެން ދެންނެވިން މަޖިލިސް ތަފާތު ވެގެންދާނޭ. މަޖިލިސް ތަފާތު ވެގެންދާނެ އެންމެ ބޮޑު ސަބަބަކީ ހިންގާ ގަވައިދު، އެ ގަވައިދުން ތަފާތު ފެންނާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މަޖިލީހުގެ ފުރަތަމަ ދައުރުގައި ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރޭގައި ބޮޑަށް ހިމެނެނީ އިންސާފު ގާއިމު ކުރުމަށް ކުރެވުނު މަސައްކަތްތައް ކަމަށެވެ.

އެގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް އިސްލާހު ގެނެސް، ޖޭއެސްސީގެ ދަށަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިިނިސްޓްރޭޝަން ގެނެވުނުކަން ފާހަގަކުރެއްވިއެވެ. އަދި ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމަށްޓަކައި ޖޭއެސްސީގެ ބާރުތައް ދަމަހައްޓައި ދިނުމަށް މަސައްކަތް ކުރެވުނު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، މަޖިލީހުގެ މި ދައުރުގައި 31 ބިލެއް ހުށަހެޅި، އޭގެ ތެރެއިން 17 ބިލެއް ނުނިމި އޮތްއިރު، މި ދައުރުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް 15 މައްސަލައެއް ހުށަހެޅި ކަމަށެވެ.

"މަޖިލީހުގެ މަސައްކަތް މިހާރަށްވުރެ ހަލުވި ކުރެވޭތޯ، އަދި އިތުރަށް ރަނގަޅު ކުރެވޭތޯ ވެސް އަޅުގަނޑު ބަލާނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.