އިބްރާހިމް ޒަކީ
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲ މަރާލުމުގެ ކުރިން، ދެމީހަކު ކަނޑުފައްތަން އުޅޭ ކަމާއި، ރިލްވާނަަށް ގޭންގަކުން ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ކުރީން ލިބިފައިވާކަން ކޮމިޓީ ރިޕޯޓުން ހާމަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައި، ރިލްވާންގެ މަރާގުޅޭ ރިޕޯޓްގައިވާ ބައެއް ކަންތައްތަކާބެހޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން، ރައީސް ނަޝީދު ވިދާޅުވީ، އެކަންތައްތައް ފުލުހުންގެ އިންޓަލްއަށް އެނގޭކަން ރިޕޯޓްގައި ހާމަކޮށްފައިވަނީ، ފުލުހުންގެ ތިން ބޭފުޅުން ކަމަށްވާ އަހުމަދު ހަމީދު އަބުދުއްރަހީމާއި މުހައްމަދު ފަޔާޒު އިސްމާއިލާއި އިބްރާހިމް ހަލީލާ ހަވާލާދީ ކަމަށެވެ.
ރައީސް ނަޝީިދު ވިދާޅުވީ، ރިލްވާންގެ ހަށިގަނޑާއި ފުރާނައަށް ގެއްލުންވެދާނެކަމަށް ތްރެޓް އޮތްކަމަށް ފުލުހުންގެ އިންޓެލިޖެންއަށް މައުލޫމާތު ލިބިފައިވާތީ، 24 އޭޕްރީލް 2014 އިންފެށިގެން ރިލްވާނަށް ފޮލޯކުރަމުންދިޔަ ކަމަަށާއި، 24 ޖޫން 2014 ގައި ގޭންގުތަކުގެ ބަޔަކު ބޭނުންކޮށްގެން ދެމީހަކު ކަނޑުފައްތަން އުޅޭކަމުގެ މައުލޫމާތާއި އަދި އެކަމަށް ލޯންޗެއް ތައްޔާރު ކޮށްފައިވާކަންފުލުހުންގެ އިންޓެލިޖެންސްއަށް ލިބިފައިވާކަން އެ ތިން ބޭފުޅުންނާ ގުޅޭގޮތުން ރިޕޯޓްގައި ވާހަގަކޮށްފައިވާ ކަމަށެވެ.
އެ ތިންންބޭފުޅުންނާ ގުޅޭގޮތުން ރިޕޯޓްގައި އެބަ ފާހަގަވެފައިވޭ މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓަލް 24 އޭޕްރީލް 2014 އިން ފެށިގެން ރިލްވާނަށް ފޮލޯކުރަމުން ދިޔައީ ރިލްވާންގެ ހަށިގަނޑާއި ފުރާނައަށް ގެއްލުންވެދާނެކަމަށް ތްރެޓް އޮތުމުންކަމަށް ރިޕޯޓްގައިވާ ފަރާތަކުން ބުނެފައިވާއިރުވެސް 24 ޖޫން2014 ގައި ގޭންގުތަކުގެ ބަޔަކު ބޭނުންކޮށްގެން ދެމީހަކު ކަނޑުފައްތަން އުޅޭކަމުގެ މައުލޫމާތު، އަދި އެކަމަށް ލޯންޗެއްވެސް ތައްޔާރު ކޮށްފައިވާކަންފުލުހުންގެ އިންޓެލިޖެންސްއަށް ލިބިފައިވާއިރު އެކަމާގުޅިގެން އެކަން ހުއްޓުވުމަށް އެއްވެސް އަޅާފައެއްނުވޭ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ހަމައެއާއެކު ރިލްވާން ގެއްލުނުކަން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމުގެކުރިން 11 އޯގަސްޓް 2014 ގައި ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު ނޫސްވެރިއަކު ގެއްލިގެންއުޅޭ ކަމުގެ ވާހަކަ ދައްކާފައިވާ ކަމަށެވެ.
"ރިލްވާން ގެއްލުނުކަން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމުގެކުރިން 11 އޯގަސްޓް 2014 ގައި ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު އައިސް ނޫސްވެރިއަކު ގެއްލިގެން އެބައުޅޭ ކަމަށާއި، ސެކިއުލާ މީހަކު ގެއްލިިގެން ކަންބޮޑުވެގެން އުޅޭކަމަށް އަހުމަދު ހަމީދު އަބުދުއްރަހީމް، އެއީ ކޯޕްރަލް އިބްރާހިމް ރިއްފަތާއި އަހުމަދު އަމީދު އަބުދުއްރަހީމްގެ އިމީޑީއެޓް ސުޕަވައިޒަރު ކައިރީގައި ބުނެފައިއެބަވޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.