ޑރ. މުހައްމަދު ޖަމީލް އަހްމަދު

ބަދަލަކަށް ގެނައި ބަދަލުން ރައްޔިތުން މިތިބީ ގޮތް ހުސްވެފައި: ޑރ. ޖަމީލު

ޝަހީދާ އަބްދުﷲ ސައީދު

2

ބަދަލަކަށް ބޭނުންވެގެން ގެނައި ބަދަލާއެކު ރައްޔިތުން މިހާރު ތިބީ ގޮސް ހުސްވެފައި ކަމަށް، މިސަރުކާރު ގެނައުމަށް އިސް ދައުރެއް އަދާކުރެއްވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އދ. އަތޮޅަށް މިއަދު ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

މިބައްދަލުވުމުގައި ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. ޖަމީލު ވިދާޅުވީ އެމަނިކުފާނު މިހާރު ހުންނެވި ގޮތް ވަރަށް ރަނގަޅަށް ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ. އަދި ކޮންމެ ސަރުކާރެއްވެސް ގެނައުމަށް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި ޑރ. ޖަމީލު ވިދާޅުވީ ބަދަލަކަށް ގެނައި ބަދަލުގެ ސަބަބުން ރައްޔިތުން މިހާރު ގޮތް ހުސްވެއްޖެ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ގޮތެއް ހޯދައި ދިނުމަކީ ގައުމާ މެދު ވިސްނާ ކޮންމެ ރައްޔިތަކުވެސް މިއަދު ކުރަންޖެހޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

''ކޮން ސަރުކާރެއްތޯ އަޅުގަނޑު އިސްވެ ހުރެ ނުގެންނަނީ. އެހެންނަމަވެސް ރައްޔިތުންނަށް ގޮތް ހުސްވީމަ ގޮތް ހޯދައިދޭން ޖެހޭ. އެމަސައްކަތުގައި އަޅުގަނޑު މިނުކުތީ. އަޅުގަނޑު ގަބޫލެއް ނުކުރަން ރާއްޖޭގެ އިގުތިސޯދު މިއަދު ދަނީ ރަނގަޅަށް ކަމަކަށް. އަޅުގަނޑަށް ގަބޫލުކުރެވެނީ ރާއްޖޭގެ ރައްޔިތުން ވަރަށް ފަގީރުވެއްޖެ ކަމަށް.'' ޑރ. ޖަމީލު ވިދާޅުވިއެވެ.

މީގެއިތުރުން ޑރ. ޖަމީލު ވިދާޅުވީ ރާއްޖޭގައި މިހާރު އެއްވެސް ޕްރޮޖެކްޓެއް ނުހިނގާ ކަމަށެވެ.

އަދި އޭގެ އިތުރުން ރާއްޖޭގެ ގާނޫނުތަކާއި އެހެނިހެން ކަންތައްތަކަށް ބެލިކަމުގައި ވިޔަސް، ރައްޔިތުންނަށް ރަނގަޅު ގޮތެއް ނުފެންނަ ކަމަށާއި ފެނިގެންދަނީ ވަަކި ގޮތަކަށް ކަންތައްތަކެއް ބައްޓަންކުރެވިގެން ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދާ މަންޒަރު ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަހަތްޕުޅުގައި އަނެއްކާވެސް ސިޔާސީ މަސައްކަތް ކުރެއްވުމަށް ޑރ. ޖަމީލު ނުކުންނެވި އިރު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވެރިކަން ހޯދައި ދިނުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް ބޭފުޅަކީ ޑރ. ޖަމީލެވެ. ނަމަވެސް ރައީސް ޔާމީންގެ ނައިބު ރައީސް ކަމުގައި އެމަނިކުފާނު ހުންނަވަނިކޮށް މަގާމުން ވަކިކުރެއްވުމާއި ގުޅިގެން ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ޑރ. ޖަމީލު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަދި އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރުމަށް ކުރި މަސައްކަތުގައި އިސް ސަފުގައި ޑރ. ޖަމީލު މަސައްކަތް ކުރައްވާފައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟