ޑރ. މުހައްމަދު ޖަމީލް އަހްމަދު

ކައުންސިލު އިންތިހާބުގެ ކެމްޕޭނަށް ރައީސް ޔާމީން ޑރ. ޖަމީލާއެކު އދ. އަތޮޅަށް ފުރާވަޑައިގެންފި

ޝަހީދާ އަބްދުﷲ ސައީދު

2

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއެކު އދ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

އދ. އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އެއަތޮޅު މަހިބަދޫ، ދިގުރަށް، ކުނބުރުދޫ އަދި ދަނގެއްޗަށް ވަޑައިގަތުމަށް ވަނީ ހަމަޖައްސަވައިފަ އެވެ.

އދ. އަތޮޅުގެ ހަތަރު ރަށަކަށް ފުރާވަޑައިގަތުމުގެ ކުރިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް އިތުރަށް ވަރުގަދަކުރުމަށް އެޕާޓީއަށް މެންބަރުން ގިނަ ކުރުމާއި ޕާޓީގެ ރޫހު އަތޮޅު ތެރޭގައި ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައިވެސް ބޮޑު ކާމިޔާބީއެއް ލިބިއްޖެނަމަ ޕާޓީ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. ޖަމީލު ވިދާޅުވީ އެމަނިކުފާނު މިހާރު ހުންނެވި ގޮތް ވަރަށް ރަނގަޅަށް ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ. އަދި ކޮންމެ ސަރުކާރެއްވެސް ގެނައުމަށް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި ޑރ. ޖަމީލު ވިދާޅުވީ ބަދަލަކަށް ގެނައި ބަދަލުގެ ސަބަބުން ރައްޔިތުން މިހާރު ގޮތް ހުސްވެއްޖެ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ގޮތެއް ހޯދައި ދިނުމަކީ ގައުމާ މެދު ވިސްނާ ކޮންމެ ރައްޔިތަކުވެސް މިއަދު ކުރަންޖެހޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

''ކޮން ސަރުކާރެއްތޯ އަޅުގަނޑު އިސްވެ ހުރެ ނުގެންނަނީ. އެހެންނަމަވެސް ރައްޔިތުންނަށް ގޮތް ހުސްވީމަ ގޮތް ހޯދައިދޭން ޖެހޭ. އެމަސައްކަތުގައި އަޅުގަނޑު މިނުކުތީ. އަޅުގަނޑު ގަބޫލެއް ނުކުރަން ރާއްޖޭގެ އިގުތިސޯދު މިއަދު ދަނީ ރަނގަޅަށް ކަމަކަށް. އަޅުގަނޑަށް ގަބޫލުކުރެވެނީ ރާއްޖޭގެ ރައްޔިތުން ވަރަށް ފަގީރުވެއްޖެ ކަމަށް.'' ޑރ. ޖަމީލު ވިދާޅުވިއެވެ.

މީގެއިތުރުން ޑރ. ޖަމީލު ވިދާޅުވީ ރާއްޖޭގައި މިހާރު އެއްވެސް ޕްރޮޖެކްޓެއް ނުހިނގާ ކަމަށެވެ.

އަދި އޭގެ އިތުރުން ރާއްޖޭގެ ގާނޫނުތަކާއި އެހެނިހެން ކަންތައްތަކަށް ބެލިކަމުގައި ވިޔަސް، ރައްޔިތުންނަށް ރަނގަޅު ގޮތެއް ނުފެންނަ ކަމަށާއި ފެނިގެންދަނީ ވަަކި ގޮތަކަށް ކަންތައްތަކެއް ބައްޓަންކުރެވިގެން ވަކި ބަޔަކު ބޭނުންވާ ގޮތަށް ކުރިއަށް ގެންދާކަމަށެވެ.

އަދި އެކަންކަން ހުއްޓުވަން މަސައްކަތްކުރަން ޖެހޭ ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟