ޓުއަރިޒަމް

ރާއްޖޭގައި ފުރަތަމަ ހަދާ ޓޫރިސްޓް ވިޒިޓާސް ސެންޓަރު އަނގޮޅިތީމުގައި

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދާ، ޓޫރިސްޓް ވިޒިޓާސް ސެންޓަރު ރ. އަނގޮޅިތީމުގައި ހަދަން ނިންމައިފިއެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ދުވަހުގެ ހަރަކާތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ސޮޕޮންސަރުންނާއެކު ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ހަދާ ފުރަތަމަ ޓޫރިސްޓު ވިޒިޓާސް ސެންޓަރުގެ ބިންގާ އެޅުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ރ. އަނގޮޅިތީމުގައި ކަމަށެވެ.

މިއީ ގެސްޓް ހައުސް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމު ކުރަން ފަށާ ޓޫރިސްޓު ވިޒިޓާސް ސެންޓަރުގެ ފުރަތަމަ ސެންޓަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން ތަރައްގީ ކުރާ އެތަނުން ރާއްޖޭގެ ސަގާފަތާއި ތާރީހާ ގުޅޭ އެކިއެކި މައުލޫމާތު ލިބޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ސަރުކާރުން މިހާތަނަށް މަސައްކަތް ކޮށްފައިވާނީ ފަތުރުވެރިކަމަކީ އެންމެންނަށްވެސް ފައިދާކުރާނެ ސިނާއަތަކަށް ހެދުމަށްކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިއަށްގެންދާކަން އަލީ ވަހީދު ފާހަގަކުރެއްވިއެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ފަތުރުވެރިންގެ ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތައް ކުރިއަށް ގެންދާނީ ހުރިހާ ރައްޔިތުންގެ ބައިވެރިކޮށްގެންނެވެ.

މީގެއިތުރުންވެސް ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި މިއަހަރު ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ.