އަހުމަދު ރިލްވާން އަބްދުﷲ

ރިލްވާންގެ މަރާގުޅޭ ރިޕޯޓަށް ބަހުސް ކުރުމަށްފަހު، ދިރާސާ ކުރަން 241 ކޮމިޓީއަށް

އިބްރާހިމް ޒަކީ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައާބެހޭގޮތުން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށްފަހު، ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ރިޕޯޓަށް ބަހުސްކުރުން ނިންމުމަށްފަހު، ސީރިއަސް މައްސަލައެއްގެ ގޮތުގައި މި ރިޕޯޓް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވައިގެން ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވައި، ހުޅުމީދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ތާއީދު ކުރެއްވުމުން މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ، ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވ.

މި ރިޕޯޓް 241 ކޮމިޓީއަށް ފޮނުވުމުން، އެ ކޮމިޓީގެ މެންބަރުން ފިޔަވައި މަޖިލީހުގެ އެހެން މެންބަރުންނަށް، ޗުއްޓީ ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮތީ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ ނަމަވެސް އެ ރިޕޯޓްގެ މަސައްކަތް 241 ކޮމިޓީން ކުރިއަށްގެންދަންޖެހޭގޮތަށް ނިންމަވައި އެހެން މެންބަރުންނަށް ޗުއްޓީދޭން މަޖިލީހުގެ ރައީސް ވަނީ ނިންމަވައިފައެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާާޅުވީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައާބެހޭގޮތުން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް 241 ކޮމިޓީގެ މަސައްކަތް މަޑުނުޖެހި ކުރިއަށްދާނެ ކަމަށެވެ.

އަދި އެ ކޮމިޓީ ފިޔަވައި އެހެން ކޮމިޓީތަކުގެ މެންބަރުން ޗުއްޓީއަށް ވަޑައިގަތުމާމެދު އިއުއިތިރާޒު ނުކުރައްވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.