މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް ސޯލިހު އުފެއްދެވި ކޮމިޝަނުން އަހުމަދު ރިލްވާނުގެ މައްސަލަ ބެލުމަށްފަހު، އެކުލަވައިލި ރިޕޯޓު އާންމު ކުރުމާއި އެމައްސަލައިގެ ދައުވާ ސާބިތުކުރުމާ އެއްވެސް ގުޅުމެއް ނެތް ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު މިހެން ވިދާޅުވެފައި މިވަނީ، ރިލުވާނުގެ މައްސަައިގެ ތަހުގީގު ރިޕޯޓްގައި ހުރި ސިއްރު ހެކިވެރިންގެ މައުލޫމާތުތައް އާއްމު ވެގެން ދިއުމަކީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ތަނަވަސްވެ، ބައެއް މީހުން ހެކިބަސް ދޭން ދެކޮޅު ހަދާފާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވަނިކޮށެވެ.
މިނިސްޓަރު މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ހާމަކުރެއްވީ މީގެ ކުރިން ފުލުހުން އަތުގައި ހުރި މައުލޫމާތު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ މައުލޫމާތުގެ މައްޗަށް ދައުވާ ކުރެވޭ ނަމަ، އޮތީހީ ދައުވާކޮށްފައި ކަމަށް މާރިޔާ ވިދާޅުވިއެވެ.
އެހެންކަމުން، ރިޕޯޓް އާންމުވުމާ ދައުވާ ސާބިތުވުމާ ގުޅުން އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ރައްޔިތުންނަށް ކަންކަން އޮޅުން ފިލުން މާ މުހިންމު ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހުރިހާ ޕީޖީ ލީޑަރުން ވެސް ރިޕޯޓްގެ ސިއްރު ހިފަހައްޓަވާނެ ކަމަށް އެމަނިކުފާނު ޔަގީން ކުރައްވާ ކަމަށެވެ.
ޕީޖީ ލީޑަރުންނާ ރިޕޯޓު ހަވާލުކުރެއްވި ފަހުން ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން ކުރައްވާ އިތުބާރު ދަމަހައްޓާނެ ކަމަށާއި ސިއްރު މައުލޫމާތު ވެސް ހިފަހައްޓާނެ ކަމަށެވެ.