އެސްޓީއޯއިން އެތެރެކޮށްގެން ވިއްކަމުން އަންނަ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ އަގުހެޔޮކޮށްފިއެވެ.
''ވަން އޮންލައިން'' އަށް މައުލުމާތު ދެއްވަމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އެސްޓީއޯއިން އެތެރެކޮށްގެން ވިއްކަމުން އަންނަ ބާވަތްތަކުގެ ތެރެއިން އިމާރާތްކުރުމަށް ބޭނުންވާ ބައެއް ތަކެތީގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފައިވާކަމަށެވެ.
އެސްޓީއޯއިން އަގުހެޔޮކުރި ތަކެތީގެ ތެރޭގައި ހިލަ، ހިލަވެލި، ހިމުންވެލި، ސިމެންތި އަދި ދަގަނޑުގެ ބާވަތްތައް ހިމެނެއެވެ.
އޮފިޝަލު ވިދާޅުވީ އިމާރާތްކުރުމަށް ބޭނުންވާ ތަކެތީގެ އަގުހެޔޮކުރީ އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވެދިނުމާއި، ކުދި އަދި މެދު ފަންތީގެ ވިޔާފާރިތައް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އަދި އާއްމު އިމާރާތްކުރުމުގެ ސާމާނު ބާޒާރުގައި ހެޔޮއަގެއްގައި ލިބޭނެ ފުރުސަތު އާންމު ފަރާތްތަކަށް ފަހިކޮށްދިނުމަކީ އެސްޓީއޯއިން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އެސްޓީއޯއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އަދި އަގުހެޔޮ މުދާ ލިބޭނެ ގޮތްތައް ދެމެހެއްޓެނިވިގޮތެއްގައި ހަމަޖައްސައި ދިނުމަށްކަމަށެވެ.
މީގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންކުރާ މައިގަނޑު ބާވަތްތަކުގެ އަގުތައް ބާޒާރުގައި އެއްހަމައެއްގައި ހިފެހެއްޓުމަކީވެސް އެސްޓީއޯގެ މުހިއްމު އަމާޒެއްކަމަށް އެކުންފުނިން ބުނެއެވެ.