ރައްޔިތުންގެ މަޖިލިސް

ކަނޑައެޅި ހުރިހާ މަސައްކަތެއް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ނިންމައިފި

އިބްރާހިމް ޒަކީ

މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާކަމުން، މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަނޑައަޅާ ވަކި ކަންތައްތަކެއް ކުރިއަށް ގެންގޮސް ނިމެންދެން މެދުކަނޑާނުލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއަށް ބަދަލު ގެނެސް އެކަންތައްތައް ނިމެންދެން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ފާސްކުރަން މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ޖަލްސާގެ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

އެގޮތަށް މަޖިލިސް ރައީސް މެންބަރުންނަށް ވޯޓަށް އެއްސެވުމުން، ފާސްކުރީ ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން 50 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މިއަދުގެ ޖަލްސާގައި ނިންމުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރިޕޯޓާގުޅޭ މައްސަލައިގެ ބަހުސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓްގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ބިލު، އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓްގެ މަސައްކަތާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު ހުށަހަޅުއްވާފައިވާ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނު އުވާލުމުގެ ބިލުގެ މަސައްކަތުގެ އިތުރުން، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހަޅުއްވާފައިވާ، ދައުލަތުން އެކިފަރާތްތަކާއެކު ވާ އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކާމެދު ގެންގުޅޭ އުސޫލުތައް މުރާޖައާކޮށް، ދައުލަތަށް ބުރަނުވާނޭ އުސޫލެއް ގާއިމުކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އަދި ހޯރަފުށީދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނު އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތްވެސް ކުރިއަށްގެންގޮސް ނިންމުމަށްވަނީ ކަނޑައަޅައިފައެވެ.