އިބްރާހިމް ޒަކީ
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައާބެހޭގޮތުން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ނަން ގަނެފައިވާ ހުރިހާ ފަނޑިޔާރުންނާ ދޭތެރޭ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ރިޕޯޓާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ކޮމިޝަނުން ތައްޔާރުކޮށް އެމަނިކުފާނަށް އަރުވާފައިވާ، އަދި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕާޓީ ލީޑަރުންނަށް އެރުވި ރިޕޯޓްގައިވެސް، އެ މައްސަލައިގެ ހެކިންގެ ސީދާ ނަން ހިމަނާފައިނުވާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓްގައި ނަން ގަނެފައިވާ ހުރިހާ ފަނޑިޔާރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ދީފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރިޕޯޓުގައި ނަން ގަނެފައިވާ ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ޖޭއެސްސީން މިހާރު ފަށާފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް ފަނޑިޔާރަކަށް ފިޔަވަޅު އެޅުން ކުރިއަށް ގެންދާ ކަމަށެވެ.
ނަޝިދު މިހެން ވިދާޅުވެފައިވާއިރު، ރިލްވާންގެ މަރާ ގުޅިގެން ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ވަނީ ނިންމައިފައެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީއާ ބެހޭ މައްސަލައެއް ބަލަން ނިންމައި، އެ މައްސަލަ ބެލުމަށް ކުރިން އެބޭފުޅާގެ އެހެން މައްސަލައެއް ބެލުމަށް އެކުލަވާލައިފައިވާ ކޮމިޓީއަށް ފޮނުވުމަށް އިއްޔެ ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ޖޭއެސްސީން އިތުރަށް ބަލަން ނިންމީ ހަސަން އަލީގެ ކޮން މައްސަލައެއް ކަމެއް ބުނެފައެއް ނުވެއެވެ.
ރިލްވާންގެ މައްސަލައާ ގުޅިގެން 2016 ޖެނުއަރީ 24 ވަނަ ދުވަހު ހަސަން އަލީ ފުލުހުންނަށް ދީފައިވާ ބަޔާނަކާ ހަވާލާދީ މަރުތަކާ ބެހޭ ކޮމިޝަނުން އާންމުކުރި ރިޕޯޓްގައި ބުނެފައިވަނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުގައި ހަސަން އަލީ ހުންނެވި ދުވަސްވަރު ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ދެ ފުލުހަކު އޭނާއާ ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓެއް ހެދުމާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށެވެ.
އެ ޕާސްޕޯޓް ހައްދަން ބޭނުންވަނީ އޭނާ ރާއްޖެއިން ބޭރަށް ދިޔަކަން ދެއްކުމަށް ކަމަށް ބުނުމުން ރަސްމީކޮށް ލިޔުމަކުން އެދިގެން ނޫނީ އެފަދަކަމެއް ނުކުރެވޭނެ ކަމަށް ހަސަން އަލީ ވިދާޅުވި ކަމަށާއި ނަމަވެސް ރަސްމީ ލިޔުމެއް ނުގެނެވޭނެ ކަމަށް ފުލުހުންގެ ދެ މީހުން ބުނި ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
އަދި އެހެން ބުނުމުން، ދެ ފުލުހުން ބޭނުންނަމަ ރިލްވާންގެ އަސްލު ޕާސްޕޯޓް އިންނަ ގޮތަށް އެއްޗެއް ހެދިދާނެ ނޫންހޭ ހަސަން އަލީ ވިދާޅުވި ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.