އެޕަލް ކުންފުނީގެ އާ ފޯނު ދައްކާލަން މިހާރު މިއޮތީ ހަފުތާއަކަށް ކައިރި ވެފަ އެވެ. އެ ރަސްމިއްޔާތު އޮންނާނީ ސެޕްޓެމްބަރު 10 ގައި ކެލިފޯނިއާގެ ކޫޕަޓީނޯގައެވެ. އެއީ އެޕަލް ކުންފުނީގެ ކޯޕަރޭޓް ހެޑްކުއާޓާސް، އެޕަލް ޕާކު އޮންނަ ތަނެވެ.
އެޕަލްގެ އާ ފޯނު ބަލައިލުމަށް ގިނަ ބަޔަކު (ހާއްސަކޮށް އެޕަލްގެ ފޭނުން) ކެތްމަދުވެފައިވާއިރު، ގިނަ ބައެއްގެ އުއްމީދުތައް ހުރީ ވަރަށް މަތީގައެވެ. ފޯނާ ގުޅޭ ކަށަވަރު ނުކުރެވޭ ގިނަ ވާހަކަތަކެއް ދަނީ ފެންމަތިވަމުންނެވެ.
ނަމަވެސް ފާއިތުވެދިޔަ މަސްތަކުގައި ބްލޫމްބާގް އަދި އެޕަލްގެ އެނަލިސްޓް މިންގް ޗީ ކުއޯފަދަ އިތުބާރު ކުރެވޭ މަސްދަރުތަކާ ހަވާލާދީ ޝާއިއު ކޮށްފައިވާ ރިޕޯޓްތަކާއި ޓުވިޓާގައި ލީކުވެގެން އުޅޭ ވާހަކަތަކާ ގުޅުވައިގެން މީހުން ފަތުރާ ވާހަކަތަކަށް ބަލާއިރު މިއަހަރު ނެރޭ އައިފޯނާއި 2018 ގެ އައިފޯނާ ދާދި އެއްގޮތް ވާނެއެވެ. މުޅިން އެއްގޮތެއް ނޫނެވެ. ނަމަވެސް ވަރަށް ގާތެވެ.
މިހެން އަޑުތައް ފެތުރުނު ނަމަވެސް ސެޕްޓެމްބަރު 10 އަށް އޮތް ހަފުލާގައި އެޕަލް ކުންފުނިން އުއްމީދީ ވާހަކަތަކެއް އާންމުކޮށްފާނެއެވެ. މިހާރަށްވުރެ އެޑްވާންސް ކެމެރާތަކާއި އަވަސް ޗިޕްތަކާއި އާ ވާޝަންގެ އޮޕަރޭޓިން ސިސްޓަމް (އެއީ އައިއޯއެސް 13) އަދި ބެލެވޭ ގޮތުގައި އާ ކުލަތަކެއް ވެސް މިފަހަރު އިއުލާންކުރުން ގާތެވެ.
އެހެންކަމުން ދެކެވޭ ބައެއް ވާހަކަތަކަށް ބަލައިލާނަމެވެ.
ވޯލް ސްޓްރީޓް ޖޯނަލް އިން ބުނާ ގޮތުގައި، އެ ކުންފުނިން މިއަހަރު އާ ތިން މޮޑެލްއެއް ނެރޭނެއެވެ. އޭގެ ތެރޭގައި އައިފޯން އެކްސްއާރު ގޮތަށް "ބަޖެޓް" ފޯނަކާއި އައިފޯން އެކްސްއެސް ކަހަލަ މިޑްރޭންޖް ފޯނެއް އަދި ސުޕަސައިޒް މޮޑެލެއް ހިމެނޭނެއެވެ.
ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، މިއަހަރު ރިލީސް ކުރާ އާ އައިފޯނަށް އެޕަލް ކުންފުނިން ކިޔާނީ އައިފޯން 11 އެވެ. ނަމަވެސް މިދިޔަ އަހަރު އެޕަލް އިން ނެރުނު ފޯންތަކުގެ ނަންތައް ދިމާކުރި ޓުވިޓާ އެކައުންޓުން ބުނާގޮތުގައި، އާ ފޯނަށް ކިޔާނީ އައިފޯން 11 ޕްރޯއެވެ. އެނގިދާނެތާއެވެ.
އައިފޯނަށް މިއަހަރު އަންނާނެ އެންމެ ބޮޑު ބަދަލެއް ކަމަށް ބެލެވެނީ ފޯނުގެ ކެމެރާ ސެޓަޕްއެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން މިއަހަރު ރިލީސްކުރާ ފޯނުގައި ނުވަތަ ކޮންމެވެސް އެއް ފޯނެއްގައި ފަހަތުގައި ތިން ލެންސް ހިމެނޭނެ ކަމަށް ވާހަކަތައް ދެކެވެމުންދިޔައެވެ.
މިއަށް ބާރު ލިބޭ އެއްކަމަކީ ލެންސް އަދި މެގަޕިކްސަލްގެ ރޭހުގައި ވާވޭ، ސެމްސަންގް އަދި ގޫގުލް އިން ކުރި ހޯދަމުންދިއުމެވެ.
ދެ ޓުވިޓާ ޔޫސާއަކާ ހަވާލާދީ މިކަން ރިޕޯޓްކޮށްފައިވަނީ ބްލޫމްބާގްގައެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަހު އޮންލީކްސް އަދި އައިސް ޔުނިވާސް އިން ކުރި ޓުވީޓެއްގައި، މިއަހަރު ނެރޭނެ އައިފޯންގެ ފަހަތުގައި ކެމެރާ ހުންނާނެ ގޮތުގެ މޮޑެލެއް ވެސް ދައްކާލައިފައިވެއެވެ.
އޭގައި ހުންނަނީ، ފޯނުގެ ފަހަތުން ކަނާތުގެ ފަހަތުގައި ހަތަރެސްކަން މޮޑިއުލެއްގައި ތިނެސްކަނަށް ކެމެރާތައް އަތުރާލާފައި ހުއްޓައެވެ. މަތީގައި ފުލޭޝްއެއް ވެސް ހުރެއެވެ. ނަމަވެސް އެހެން ހުރީމަ ރީތި ހެއްޔެވެ؟
އެޕަލް އިން މިދިޔަ އަހަރު ރިލީސް ކުރި ތިން ފޯނުގެ ތެރެއިން އެލްސީޑީ ޑިސްޕްލޭއެއް ހިމަނާފައިވަނީ އައިފޯން އެކްސްއާރުގައި އެކަންޏެވެ. އައިފޯން އެކްސްއެސް އަދި އެކްސްއެސް މެކްސްގައި ހިމަނާފައިވަނީ ހައި ރެޒަލޫޝަން އޯލެޑް ޕެނަލްތަކެކެވެ.
ފެތުރޭ އަޑުތަކަށް ބަލާއިރު މިއަހަރު ލޯންޗުކުރާ ތިން ފޯނުގައި ވެސް އެޕަލް އިން ގެންގުޅޭނީ މި ފޯމިއުލާއެވެ.
ނަމަވެސް 2020 ވަނަ އަހަރު އެޕަލް އިން ނެރޭ ހުރިހާ އައިފޯނެއްގައި ބޭނުން ކުރާނެ ކަމަށް ބެލެވެނީ މިހާރަށްވުރެ އަގުބޮޑު ލެޑް ޕެނަލްތަކެކެވެ. ނަމަވެސް ފޯނުތަކުގެ ސައިޒަކަށް ބަދަލެއް ނާންނާނެއެވެ.