އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ވޯޓް ކަރުދާސްތައް ނައްތާލުމަކީ ކުރެވޭ ތުހުމަތުތަކަށް ބާރު ލިބިގެންދިޔަ ކަމެއް: އަބްދުއްރަޙީމް

ޝަހީދާ އަބްދުﷲ ސައީދު

ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސްތައް، ނައްތާލުމަކީ ވޯޓް އޮޅުވާލި ކަމުގެ ތުހުމަތުތަކަށް ބާރު ލިބިގެންދިޔަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

''ވަން އޮންލައިން''އަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓް އޮޅުވާލި ކަމަށް އެތައް ރައްޔިތުންތަކެއް ތުހުމަތުކޮށް، އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ހުށަހަޅާފައި ވަނިކޮށް، ވޯޓް ކަރުދާސްތައް ނައްތާލުމަކީ ރައްޔިތުން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވަނިކޮށް، ވޯޓް ކަރުދާސްތައް ނައްތާލުމަކީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް ބާރު ލިބިގެންދިޔަ ކަމެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

''ރިޔާސީ އިންތިޚާބުގައި ކަންކަން ދިޔަ ގޮތުން ރައްޔިތުންނަށް ކޮމިޝަންގެ މެންބަރުންނާ މެދު ތުހުމަތުތަކެއް ކުރެވިގެން އެ މައްސަލަ ޝަރީއަތަށް ހުށަހެޅީ. އަދި ޝަރީއަތަށް ފަހު ތަހުގީގު ކުރުމަށް ލަފާ ދެއްވާފަ އޮތީމަ ތަހުގީގު ކުރުމަށް ހުށަހެޅީ. އެކަން އެހެން އޮއްވައި ވޯޓް ކަރުދާސްތައް އަންދާލީ ތަހުގީގަށް ހުރަސް އަޅައި، ހެކި ނައްތާލުމަށް،'' އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ވޯޓް ކަރުދާސްތައް ނައްތާލުމުން އިންތިޚާބުގައި ތުހުމަތު ކުރެވުނު ފަދަ ކަންތައްތަކެއް ހިނގާފައިވާ ކަން ވަރަށް ބޮޑަށް ޔަގީން ކުރެވިގެން ހިނގައްޖެ ކަމަށެވެ.

މީގެއިތުރުން ވޯޓް ކަރުދާސްތައް ނައްތާލި މައްސަލައިގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިންތިޚާބާ ގުޅޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް، ވޯޓް ކަރުދާސްތައް ނައްތާލުމަކީ ތަހުގީގަށް ހުރަސްއެޅުމަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސްތައް ނައްތާލާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު އާންމު ކުރި އިރު، ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެފައިވަނީ ކަރުދާސްތައް ނައްތާލީ ކޯޓުގެ ޝަރީއަތް ނިމި، ގާނޫނުގައި ބުނާ މުހުލަތު ހަމަވި ފަހުން ކަމަށެވެ.

މީގެއިތުރުން އީސީގެ ފަސް މެންބަރުންނާ މެދު ކުރެވޭ ތުހުމަތަކަށް ދާދި ދެންމެ ވަނީ އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އީސީގެ ގާނޫނީ ވަކީލު ވިދާޅުވީ އީސީގެ ރައީސް ފުލުސް އޮފީހަށް ހާޒިރުކުރުމުން އެހެން މެންބަރުން ވެސް ފުލުސް އޮފީހަށް ވަޑައިގެން ކަމަށާއި، އެބޭފުޅުންނާ ވެސް ސުވާލު ކުރެވުނު ކަމަށެވެ. ވަކީލު ވިދާޅުވީ ކޮމިޝަންގެ ރައީސް ހާޒިރުކުރީ ވޯޓް ކަރުދާސްތައް ނައްތާލި މައްސަލައިގައި ސުވާލު ކުރުމަށް ކަމަށެވެ.