ސުޕްރީމް ކޯޓް

ޝުޖޫން އާއި އަޒްމިރަލްދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރައްވައިފި

ފަތޯނާ ފާއިޒު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަަމަށް ޑރ. އަޒްމިރަލްދާ ޒާހިރާއި، އައިޝާ ޝުޖޫން އައްޔަންކުރައްވައިފިއެވެ.

ރައީސް ސޯލިހު އެދެބޭފުޅުން އެންމެ މަތީ ކޯޓުގެ ފަނޑިޔާރު ކަމަށް މިއަދު އައްޔަން ކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް މި ދެބޭފުޅުން އައްޔަން ކުރައްވާފައިވަނީ އެދެބޭފުޅުން އެ މަގާމަށް އައްޔަން ކުރެއްވުމާއިމެދު ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ރައީސް، އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ހުށަހެޅުއްވުމުން ރައްޔިތުންގެ މަޖިލީހުން އެ ދެބޭފުޅުންނަށް ރުހުން ދެއްވުމުންނެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޝުޖޫންއާއި އަޒްމިރަލްދާ ފަނޑިޔާރުކަމުގެ ހުވައި ކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ޑޮކްޓަރ އަހްމަދު އަބްދުﷲދީދީގެ ކުރިފުޅުމަތީގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އެ ދެބޭފުޅުން އައްޔަންކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން ވޯޓް ދެއްވި 62 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެ ދެބޭފުޅުން ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

ޑރ. އަޒްމިރާލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވީ މިދޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރާލްދާ އާއި ޝުޖޫން އައްޔަން ކުރެއްވުމަށް ޖޭއެސްސީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުއްވެވީ ސްޕްރީމް ކޯޓުގެ ބެންޗަށް ކުރިމަތިލެއްވި ހައިކޯޓުގެ ހަތަރު ފަނޑިޔާރުންގެ އިތުރުން ރައީސް ލަފާފުޅަކަށް އެދިވަޑައިގެން ނަން ފޮނުއްވެވި ދެބޭފުޅުންނާ ވަކިވަކިން އިންޓަރވިއު ކުރެއްވުމަށްފަހުގައެވެ.