ޑިޕާޓްމެންޓް އޮފް ޖުޑީޝަލް ސަރވިސް ކޮމިޝަން(ޑީޖޭއޭ)، ޖުޑީޝަލް ސަރވިސް ކޮމިޝަން( ޖޭއެސްސީ)ގެ ދަށަށް ބަދަލުވެގެންދާ ގޮތަށް ގާނޫނު ފާސްކޮށް، ތަސްދީގު ކުރުން ކުށްވެރިކުރައްވާ ކަމަށް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު އެހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
"މިއީ ޖުޑިޝަރީގެ މިނިވަންކަމަށް ހުރަސްއެޅި، ޖުޑިޝަރީއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް. ގާނޫނުއަސާސީގެ ހަތްވަނަ މާއްދާއިން ގާއިމުކޮށްފައިވާ ބާރުތައް ވަކިވެފައި އޮންނަ ނިޒާމު ނެތިގެން ހިނގައްޖެ" ޑރ.ޖަމީލު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
ޖޭއެސްސީގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ތަސްދީގު ކުރައްވައިފައެވެ.
މި ބިލަށް ގެނެސްފައިވާ އިސްލާހު ތަކުގެ ތެރޭގައި، ކޮމިޝަންގެ މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތަކަށާއި، ކޮމިޝަނުގެ ރައީސާއި ނައިބުރައީސް އައްޔަންކޮށް ވަކިކުރުމާއި، ކޮމިޝަނުގގެ ޖަލްސާތަކާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުމާއި ބެހޭގޮތުން ގެނެސްފައިވާ އިސްލާހުތައް ހިމެނެއެވެ.
ޑީޖޭއޭ ކުރިން ހިންގަމުން އައީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. އެހެންނަމަވެސް، އަލަށް ފާސްކުރި އިސްލާހާއެކު، ޑީޖޭއޭ އުވި، އެ އިދާރާގެ ހުރިހާ މުވައްޒަފުންނާއި މަސައްކަތާއި، މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް އަލަށް އުފައްދާ އިދާރާގެ ދަށަށް މިހާރު ވާނީ ބަދަލުވެފައެވެ. އެ އިސްލާހުގައި ވާގޮތުން ޑީޖޭއޭއިން ކުރިން ކުރަމުން އައި ހުރިހާ މަސައްކަތެއްވެސް ހަމަ އެގޮތަށް ކުރަން ޖެހޭ ގޮތަށް ޖޭއެސްސީ ގާނޫނުގައި ލިޔެފައިވެއެވެ. އެކަމަކު ހުރިހާ ކަމެއްވެސް ކުރަން ޖެހެނީ ޖޭއެސްސީއިން އަންގާ ގޮތުގެ މަތިން ކަމަށް ބުނެފައިވެއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ އިދާރީ އެންމެ އިސް ފަރާތަކީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް އިސްލާހުގައި ލިޔެފައިވެ އެވެ. އަދި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައްޔަނުކޮށް ވަކިކުރާނީ ޖޭއެސްސީން ކަމަށްވެސް ވަނީ ބުނެފައެވެ.