ބްރޯޑްކާސްޓިން ކޮމިޝަން

ޝަހީބާއި ޒައިނާ ބްރޯޑްކޮމުން ވަކިކުރަން ނިންމި މައްސަލަ އަލުން މަޖިލީހުގެ ތަޅުމަށް

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު އާއި ނައިބު ރައީސާ ފާތިމަތު ޒައިނާ އެ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަނެއްކާވެސް ނިންމައިފިއެވެ.

މިއީ މިމައްސަލަ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާން ނިންމި ދެވަނަ ފަހަރެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން އެ ދެބޭފުޅުން ވަކިކުރުމަށް މީހެކުރިން ކޮމިޓީން ނިންމައި މަޖިލީހަށް ފޮނުވީ މިއަހަރުގެ ޖުލައި މަހުގައެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ނުގެނެސް މަޑުޖައްސައިލެއްވީ، އެކަން ކޮމިޓީން ނިންމި ގޮތުގެ އިޖުރާއަތްތަކާބެހޭގޮތުން ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.

ނަމަވެސް އެ ރިޕޯޓް މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ ތަޅުމަށް ގެނަސް މަޖިލީހުގެ އާ ގަވާއިދުގެ ދަށުން އެ މައްސަލަ އަލުން މަޖިލީހަށް ގެނައުމަށް އެދި ވަޑައިގެން އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުއްވެވިއެވެ.

އަލުން މި މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމާފައިވަނީ އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައެވެ.

މިގޮތަށް ކޮމެޓީން ފާސްކުރީ ކޮމެޓީއަށް ހާޒިރުވެ ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، މަޖިލީހުގެ ތަޅުމަށް އަނބުރާ މި މައްސަލަ ފޮނުވާލުމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދުއެވެ. ތާއީދު ކުރެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފްއެވެ.