ހދ. ހޮނޑައިދޫގައި ކުރެއްވި ކަމަކީ އިރުއާ މަންޒަރު ބެއްލެވުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ސޯލިހުގެ ހާއްސަ މަންދޫބުގެ މަގާމުގައި ކުރިން ހުންނެވި ޖާބިރު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިއުމަންރައިޓްސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. ޖާބިރު ވިދާޅުވީ އިންސާނީ ކަރާމާތް ދެމެހެއްޓުމަށްޓަކައި ހިއުމަންރައިޓްސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ހިއުމަންރައިޓްސް ކޮމިޝަނުގެ ގާނޫނަށް ގެންނަން ހުށައެޅި މައިގަނޑު އިސްލާހަކީ އެ ކޮމިޝަންގެ މެމްބަރުންނާއި، މެމްބަރުންގެ އާއިލާގެ މެމްބަރުންގެ މާލީ ބަޔާން ހާމަކުރުން ލާޒިމް ކުރުމުގެ ގޮތުން ގެނެވޭ އިސްލާހެކެވެ. ކޮމިޝަނުގެ ގާނޫނަށް އެ އިސްލާހު ގެންނަނީ، ކޮމިޝަނުގެ މެމްބަރުންނަކީ ތައައްސުބުން އެއްކިބާވެ މިނިވަންކަމާ އެކުގައިކަން މަސައްކަތް ކުރަމުން އަންނަ ބައެއްކަން ކަށަވަރުކުރުމަށްޓަކައި ކަމަށް، މަޖިލީހަށް އެ އިސްލާހު ހުށައެޅުއްވި ޅ. ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވަނީ ވިދާޅުވެފައެވެ.
އެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، ހޮނޑައިދޫއިން އޭނާއާއި އިތުރު ބަޔަކު ހައްޔަރު ކުރިއިރު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ބޭފުޅުން ވަލުދޮރާށިން ވަދެ ތިބިކަން ވަރަށް ސސާފު ކަމަށެވެ. އަދި ވިދާޅުވީ އެކަން ކުރި ބޭފުޅުން ހިއުމަންރައިޓްސް އޭކިޔައިގެން އަނގަހުޅުވަން ލަދުގަންނަން ޖެހޭނެކަމަށެވެ.
2012 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 15 ދުވަހުގެ ފަތިހު 4:30 ހާއިރު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހޮނޑައިދޫއަށް އެރީ އެރަށު އުތުރު ފަރާތު ގޮނޑު ދޮށުގައި ބަޔަކު ރާބޮއި މަސްތުވެގެން ތިބިކަމަށް ތުހުމަތު ކުރެވިގެން ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.
ފުލުހުން ދިއުމާއެކު އޭރު އެސަރަހައްދުގައި ތިބި މީހުންގެ ތެރެއިން ބަޔަކު ވަނީ ފުލުހުން ފެނުމުން ދުވެ، ފިލަންވެސް މަސައްކަތް ކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
" އަޅުގަނޑުމެން ކުރިހާވެސް ކަމަކީ ސަންރައިސްވާ(އިރުއަރާ) މަންޒަރު ބަލާލީ. އެކަމަށްޓަކައި އަޅުގަނޑުމެންގެ ގައިގައި ތަޅައި، ސުންނާފަތިކޮށް ހެދީ" ހޮނޑައިދޫގެ ހަނދާންތައް އާ ކުރައްވަމުން ޖާބިރު ވިދާޅުވިއެވެ.
ހޮނޑައިދޫއިން މަސްތުގެ ހާލަތުގައި ފުލުހުން ހައްޔަރު ކުރި ފަސް މީހުންގެ ތެރޭގައި، ޖާބިރުގެ އިތުރުން އިބްރާހިމް ހުސެއިން ޒަކީއާއި، ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން މުހައްމަދު ޒުހައިރު އަދި އޭރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވި ހާމިދު އަބްދުލްގަފޫރުވެސް ހިމެނެއެވެ. ޖާބިރު ވިދާޅުވި ގޮތުގައި އޭރު ވެރިޔަކަށް ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ދައުލަތުގެ އިއްޒަތްތެރިންނަށް ނުހައްގުން އަނިޔާ ކޮށްފައި ކަމަށާއި، އެމަނިކުފާނު ޖަލަށް ލެވެން ޖެހޭނެ ކަމަށެވެ.