އިބްރާހިމް ޒަކީ
ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ ދިހަ އަހަރު ފަހުން ކަމަށް ރިޔާސީ އިންތިހާބުގެ ގާނޫނުގައި އޮތް މާއްދާ އުވާލަން ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
ސަރުކާރުން ހުށަހަޅާފައިވާ މި އިސްލާހުގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށް އޮތް ބައި އުނިކޮށް އެ ގާނޫނު އިސްލާހުކުރުމަށެވެ.
ގާނޫނުގައި މިހާރު އޮންނަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެެއްގައި ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ހ) ގައި އެމީހަކީ ދިވެހި މަންމަ އަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައި ވާންޖެހޭނެ ކަމަށެވެ.
އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުމާއި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ، އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން ދިހަ އަހަރު ފަހުން ކަމަށެވެ.
ގާނޫނަށް މި އިސްލާހު ގެނަސް ފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 7 ވަނަ ޖައްސާގައެވެ.
މި ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ގާނޫނަށް މި އިސްލާހު ގެނަސްފައި ވަނީ އެމަނިކުފާނަށް އަމާޒުކޮށްގެން ކަމަށެވެ.