ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، ފާއިތުވެދިޔަ އަހަރުގެ މާލީ ބަޔާން ހުށަހަޅުއްވައިފިއެވެ.
މިދިޔަ އަހަރުގެ މެއި 28 އިން ފެށިގެން މިއަހަރުގެ މެއި 27އަށް ހުށަހަޅަން ޖެހޭ މާލީ ބަޔާން ލިބިފައިވާކަން ސިޓީއަކުން ނިމިގެންދިޔަ މަހުގެ 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ފާރިސްއަށް އަންގައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފާއިތުވެދިޔަ އަހަރުގެ މާލީ ބަޔާން ހުށަހަޅަން ޖެހެނީ ސެޕްޓެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިންނެވެ. އެ ދުވަހުގެ ކުރިން ފާރިސްއަށް މާލީ ބަޔާން ހުށަހެޅިފައި ނުވަނީ މަޖިލީހުގެ މެމްބަރަކަށް ލިބެންޖެހޭ އިމްތިޔާޒުތަކާއި ހައްގުތަކަށް ގާނޫނާ ހިލާފަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ދައުލަތުގެ އިދާރާތަކުން ތަފާތު އެކި ގޮތްގޮތުން ހުރަސްއަޅާފައިވުމުގެ ސަބަބުން ކަމަށް ފާރިސް ވިދާޅުވެފައިވެއެވެ.
ފާރިސް ކުރިން ވިދާޅުވެފައިވަނީ ނުކުރާ ކުށެއްގެ ދޮގު ތުހުމަތު އަޅުވައި، ގާނޫނާ ހިލާފަށް ބަންދުކޮށް، ހައްގު ނޫން ދައުވާ އުފުލައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގައި މަޖިލީހާއި އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުރަސްއެޅުމުގެ ސަބަބުން މަޖިލީހުގެ މެމްބަރެއްގެ ޒިންމާތައް އަދާކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.
ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ހިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ހުކުމެއް ކްރިމިނަލް ކޯޓުން ފާރިޝްގެ މައްޗަށް ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. ފާރިސްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ހައިކޯޓުން ބާތިލްކުރީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުން ފާރިޝް ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމްކުރިއިރު އެ މައްސަލަ ހައި ކޯޓުން ބާތިލުކޮށްފައިވަނީ ހުކުމް ތަންފީޒުކޮށް ނިމެން ކައިރިވެފައި ވަނިކޮށެވެ. ފާރިސް ހައިކޯޓަށް ހުށަހެޅުއްވި މައްސަލާގެ ހުކުމްގައި އޭނާއަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގިއިރު ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ޝަރީއަތް ހިންގާފައިވާތީއެވެ.