އިބްރާހިމް ޒަކީ
މެންބަރުންނާއި މެންބަރުންގެ އަނބި، ނުވަތަ ފިރި، އަދި ދަރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭގޮތަށް ހިއުމަންރައިޓްސް ކޮމިޝަންގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފިއެވެ.
މި އިސްލާހުގައި ބުނެފައިވަނީ އެ ކޮމިޝަނުގެ މެންބަރުން މަގާމާ ހަވާލުވިއިރު، އޭނާއަށް ލިބިފައިހުރި އާމްދަނީ އާއި އޭނާގެ ނަމުގައިހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، މަގާމާ ހަވާލުވާތާ ތިން މަސްދުވަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލްއަށް ހުށަހަޅާންވާނެ ކަމަށެވެ. އަދި މެންބަރު މަގާމާ ހަވާލުވުމަށްފަހު މާލީ ހިސާބު ކޮންމެ އަހަރެއް ހަމަވާ ދުވަހުގެ ކުރިން ހުށަހަޅަމުން ގެންދަންް ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
މެންބަރު މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިއުފާ ދިނުމަށްފަހު ހިނގާ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި މަގާމުން ވަކިވިއިރު އޭނާގެ ކިބައިގައިހުރި އާމްދަނީ އާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު އޮޑިޓާ ޖެނެރަލްއަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ބިލުގައި ދެން ބުނެފައިވަނީ، މެންބަރު މާލީ ހިސާބު ހުށަހަޅާއިރު އޭނާ އިނދެގެންއުޅޭ މީހާ އާއި އޭނާގެ ސީދާ ބެލެހެއްޓުމުގެ ދަށުގައިވާ ދަރިންނާއި އޭނާ ސީދާ ބަލަހައްޓަމުން ގެންދާ މީހުންގެ މާލީ ހިސާބުވެސް ހުށަހަޅަންވާނެ ކަމަށެވެ.
މެންބަރުން ހުށަހަޅާ އޮޑިޓް ރިޕޯޓްގައި މައްސަލައެއް ފާހަގަވެއްޖެނަމަ އެމައްސަަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހުށަހެޅުމުގެ އިހުތިޔާރު ވެސް އިސްލާހުން އޮޑިޓާ ޖެނެރަލްއަށް ވަނީ ދީފައެވެ.
މި ގާނޫނުތަކަށް ގެންނަން ހުށަހަޅާފައިވާ ބަދަލު ތަކުގެ ތެރޭގައި، އެ މުއައްސަސާގެ މެންބަރުން އާމްދަނީ ލިބޭ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަމަށް ވަނީ ކަނޑައަޅައިފައެވެ.
ނަމަވެސް ތިމާގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް، ބާޒާރުގައި އެފަދަ ގޯއްޗެއް ނުވަތަ ގެއެއްގެ އަގު އާއްމުކޮށް ހުރި އަގަށްވުރެ ބޮޑުނޫން އަގަކަށް، ވިއްކައިލުމާއި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ބާޒާރުގައި އާއްމުކޮށް ކުއްޔަށް ދީއުޅޭ އަގަށްވުރެ ބޮޑުނޫން ކުއްޔަކަށް ކުއްޔަށްދީގެން އާމްދަނީ ހޯދުމަކީ، ވިޔަފާރި އާއި މެންބަރުންނަށް މަސައްކަތުގެ ތެރޭގައި ނުހިމެނޭ ކަމެއް ކަމަށް ވެސް އިސްލާހުގައި ވަނީ ކަނޑައަޅައިފައެވެ.
މި ބިލުގައިވާގޮތުން، މަގާމުގެ ހައިސިއްޔަތުން މެނުވީ ދައުލަތުގެ އެއްވެސް ކަމެއްގައި، އަދި ޖަމާއަތެއްގައިވެސް ބައިވެރިވެގެން ނުވާނެއެވެ.
މަދަނީ ޖަމިއްޔާގެ މެންބަރަކަށް ވެސް މެންބަރުން ވެގެންނުވާނެއެވެ.