ނޭވާ ހުއްޓުނު ފަނަރަ ދުވަހުގެ ތުއްތު ކުއްޖަކު ސިފައިންގެ މީހެއްގެ އަތްދަނޑިމަތީގައި ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، އިއްޔެ ހެނދު 10.30 ހާއިރު، ހ. ފެންނާގެ 6 ވަނަ ފަންގިފިލާގައި އޮތް އުމުރުން 15 ދުވަސްވީ ތުއްތު ކުއްޖެއްގެ ނޭވާ ހުއްޓިގެން، ސިއްހީ އަވަސްފަރުވާއަށް ޕްރައިވެޓް އިބްރާހިމް ސިނާން ގެ އަތްދަޑިމަތީގައި އެމްއެންޑީއެފް ސެނަހިޔާ އަށް ގެންގޮސް، އެކުއްޖާގެ ފުރާނަ ސަލާމަތް ކޮށްދިނުމުގައި ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.
ތުއްތު ކުއްޖާ އަތްދަނޑިމަތީ އުފުލީ އެގޭގެ ލިފްޓު ހުއްޓިފައި ހުރުމުން ކަމަށާއި ކޯސްޓްގާޑުގައި އުޅޭ ސިފައިންގެ މީހާ ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ ދުވެފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ސެނެހިޔާ އިން އެކުއްޖާއަށް ފަރު ދީފައިވަނީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ފަސްޓްލެފްޓިނެންޓް ޑރ. ޝިފްލާ އަބްދުއްލަތީފު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.